ކުޅިވަރު

ދުނިޔޭގެ ޓީޓީ މުބާރާތަށް ރާއްޖޭގެ ރަފާ އާއި މުންސިފް ކޮލިފައިވެއްޖެ


އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމުގެ އައިޝަތު ރަފާ ނާޒިމް އާއި މޫސާ މުންސިފް ކޮލިފައިވެއްޖެއެވެ.

ރަފާ އާއި މުންސިފް ކޮލިފައިވީ މިކްސް ޑަބަލްސް ޕެއާއެއްގެ ގޮތުގައެވެ. ވޯލްޑް ޗެމްޕިއަންޝިޕުގެ ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ދެކުނު އެފްރިކާގެ ޑާބަންގައި އަންނަ މަހުގެ 20-28 ގެ ނިޔަލަށެވެ.

ދުނިޔޭގެ ރޭންކިންގެ އެންމެ މަތީގައި އުޅޭ ކުޅުންތެރިންނަށް ފުރުސަތު ލިބޭ މި މުބާރާތުން ރާއްޖޭގެ ޕެއާއަށް ފުރުސަތު ލިބުނުއިރު، ޖުމްލަ 64 ޕެއާ މި މުބާރާތުގައި ވާދަކުރާނެއެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ ތަރި ފާތިމަތު ދީމާ އަލީއަށް ވެސް ވަނީ ވޯލްޑް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިފައެވެ.

ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީޓީ ޓީމުން ދަނީ ގިނަ ތަމްރީނުތަކެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފުރިހަމަކުރަމުންނެވެ. ގިނަ މެޑަލްތަކަކަށް ރާއްޖެއިން ޓާގެޓުކޮށްފައިވާ އިރު، އެސޯސިއޭޝަނުގެ ޓާގެޓަކީ އެންމެ ފަހުން ބޭއްވި އައިއޯއައިޖީ ގައި ދިވެހި ޓީމުން ހޯދި ކާމިޔާބީތަކަށް ވުރެ ރަނގަޅު ކާމިޔާބީތަކެއް ހޯދުމެވެ.