ކުޅިވަރު

ދެ ލޯ މެޑެއްޔާކު ރާއްޖޭގެ އަންހެން ހޭންޑްބޯޅަ ޓީމުތަކަށް ތާރީޚީ ކާމިޔާބީއެއް


އައިއެޗްއެފް ޓްރޮފީގެ ސެންޓްރަލް އެންޑް ސައުތު އޭޝިއަން ކޮލިފައިން ބުރުގައި ވާދަކޮށް ރާއްޖޭގެ 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އަންހެން ހޭންޑްބޯޅަ ޓީމުން ލޯ މެޑެލް ހޯދައި، ތާރީހުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

މިއީ ރާއްޖޭގެ ހޭންޑްބޯޅައިގެ ތާރީހުގައި މިހާތަނަށް ލިބުނު ފުރަތަމަ ބައިނަލްއަޤްވާމީ މެޑަލްތަކެވެ. ރާއްޖޭގެ ދެ ޓީމުވެސް ލޯ މެޑަލް ހޯދާފައިވަނީ ނޭޕާލްގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދައިގެންނެވެ.

މުބާރާތުގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުން ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމު ނޭޕާލް ބަލިކޮށްފައިވަނީ ފަސޭހަކަމާއެކު 10-41 އިންނެވެ. އަދި ރާއްޖޭގެ 19 އަހަރުންދަށުގެ ޓީމު ނޭޕާލް ބަލިކޮށްފައިވަނީ 5-22 ގެ ބޮޑު ތަފާތަކުންނެވެ.

މުބާރާތުގައި ދެން ހިމެނޭ ބަންގްލަދޭޝް އާއި އިންޑިއާ އަތުން ރާއްޖޭގެ ދެ ޓީމުވެސް ވަނީ ބަލިވެފައެވެ. ނަމަވެސް 19 އަހަރުންދަށުގެ ޓީމު ވަނީ މި ދެ މެޗުގައިވެސް ރަނގަޅު ވާދައެއް ކޮށްފައެވެ. މިއީ ބައިނަލްއަޤްވާމީ މައިދާނުގައި މި ދެ އުމުރުފުރާގެ ފުރަތަމަ ބައިނަލްއަޤްވާމީ އަންހެން މުބާރާތެވެ.