ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން އިންޓަރ މިލާން ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުން އިންޓަރ ޖާގަ ހޯދީ ސެމީފައިނަލްގައި ވާދަވެރި އޭސީ މިލާނާއި ބައްދަލުކޮށް 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކޮށްގެންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް 2-0 ގެ ނަތީޖާއަކުން އިންޓަ ކާމިޔާބު ކުރިއިރު ރޭ ކުޅުނު ދެވަނަ ލެގް އިންޓަރއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މި ދެމެޗްވެސް ކުޅެފައިވަނީ މިދެޓީމަށް ނިސްބަތްވާ ސެންސީރޯ ސްޓޭޑިއަމްގައެވެ. ރޭގެ ދެވަނަ ލެގްގައި ގިނައިރު މިލާނުން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓައިންނެވެ.
މިމެޗްގެ ކުރީކޮޅު މިލާނުން ވަނީ ވަރަށް ރަނގަޅަށް ކުޅެ އިންޓަރއަށް ވަރަށް ބޮޑަށް ނުރައްކާކޮށްފައެވެ. މިގޮތުން ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތެއްވެސް މިލާނުން ހޯދިކަން ފާހަގަކޮށްލެވުނެވެ. އެގޮތުން ބްރަހިމް ޑިއާޒްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
ނަމަވެސް މިލާނަށް މިއިން ބޭނުން ނުހިފުނުއިރު އިންޓައިން ވަނީ މަޑުމަޑުން މެޗްގެ ތެރެއަށް ވަދެ އެޓީމްގެ ކުޅުންވެސް ރަނގަޅު ކޮށްފައެވެ. މިމެޗްގައި އިންޓައިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހާދިނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒްއެވެ.
މިކާމިޔާބީއާއެކު އިންޓަރއިން ވަނީ ޖޫން މަހުގެ 10 ވަނަ ދުވަހު ތުރުކީވިލާތުގެ އިސްތަންބޫލްގައި ކުޅޭ ފައިނަލް މެޗުން ޖާގަ ހޯދާފައެވެ. މިއީ ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި އިންޓަރއިން މިމުބާރާތުގެ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ފައިނަލްގައި އިންޓަރ ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީ އާއި އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ މެދުގައި ކުޅޭ ސެމީފައިނަލުން ކުރި ހޯދާ ޓީމަކާއެވެ.