ކުޅިވަރު

އަމިއްލަ ދަނޑުގައި ދެވަނަ ލެގު ކުޅުމަކީ ހިތްހަމަޖެހުމެއް: ގާޑިއޯލާ


ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅެން ލިބުމަކީ އެޑުވާންޓޭޖެއްކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގަށް މެންޗެސްޓާރ ސިޓީ އާއި ރެއާލް މެޑްރިޑް މިރޭ ނިކުންނައިރު މިދެޓީމްވެސް އޮތީ ފައިނަލަށް ދިއުމުގެ އުންމީދުގައެވެ. މިދެޓީމް ބައްދަލުކުރި ފުރަތަމަ ލެގް ރެއާލްގެ ދަނޑުގައި ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.

ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ ފައިނަލަށް ދިއުމުގެ ފުރުސަތު ސިޓީއަށް ބޮޑުކަމަށް ގިނަ ފަރާތްތަކަކުން ދެކުނު ނަމަވެސް އޭނާގެ ޓީމް ފައިނަލާއި އެހާ ކައިރިވިކަމަށް ގަބޫލް ނުކުރާ ކަމަށެވެ. ނަމަވެސް ފައިނަލަށް ދިއުމަށް އޭނާ އާއި އޭނާގެ ކުޅުންތެރިން ކުރާ އުންމީދަށް އެކަމުގެ ސަބަބުން ބަދަލު ނާންނާނެކަމަށްވެސް އޭނާ ބުންޏެވެ. އަދި ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު އޮތުމަކީ ޕެޕް ހާމަކުރިގޮތުގައި މިމެޗަށް ނިކުންނައިރު އޭނާއަށް އޮތް ހިތްހަމަޖެހުމެކެވެ.

މިމެޗުން މޮޅު ވެއްޖެނަމަ ޗެމްޕިއަންސް ލީގުގެ ފައިނަލުން ދެވަނަ ފަހަރަށް ސިޓީއަށް ޖާގަ ލިބިގެން ދާނެއެވެ. މިދިޔަ ސީޒަންގެ ސެމީފައިނަލްގެ ދެވަނަ ލެގްގައި ރެއާލްއިން ސިޓީ ބަލިކުރީ އެންމެފަހު ވަގުތު ސިޓީގެ މައްޗަށް ކުރި ހޯދައިގެނެެވެ.

މިމެޗަށް ނިކުންނައިރު ސިޓީގެ ނޭތަން އައިކޭއަށް ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ. ރެއާލްއަށް ބަލާލާއިރު އެޑާ މިލިޓާއޯ ސަސްޕެންޝަނަށްފަހު މިމެޗްގައި ކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ. އަދި އެޑުއާޑޯ ކަމަވިންގާގެ ފަޔަށް އަނިޔާވި ނަމަވެސް އޭނާވެސް މިމެޗަށް ފިޓްވެފައިވާކަމަށް ރެއާލްއިން ބުނެއެވެ.

މިރޭގެ މެޗް އުނދަގޫ ވާނެކަމަށާއި ނަމަވެސް ރެއާލްއިން މަސައްކަތް ކުރާނީ ސިޓީ ބަލިކޮށް ފައިނަލުން ޖާގައެއް ހޯދުމަށްކަމަށްވެސް އެންޗެލޯޓީ ބުންޏެވެ.

ރެއާލްގެ ކޯޗް ކާލޯ އެންޗެލޯޓީ ހާމަކުރިގޮތުގައި ރެއާލްއަކީ އަބަދުވެސް އުނދަގޫ ދަނޑިވަޅުތަކުގައި ރަނގަޅު ކުޅުމެއް ދައްކާ ޓީމެއް ކަމަށެވެ. މިމެޗުން މޮޅުވެ ފައިނަަލަށް ދަތުރުކޮށްފިނަމަ އެއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މެޑްރިޑް މުބާރާތުގެ ފައިނަލުން ޖާގަހޯދާ ހަވަނަ ފަހަރެވެ.