އިންޑިއަން ޕްރިމިއަރ ލީގު ޓީ ޓޫވެންޓީ ކްރިކެޓް މުބާރާތުގައި ލަކްނޯ ސުޕަރ ޖައަންޓްސް އާއި މުންބާއި އިންޑިއަންސް ބައްދަލުކުރި މެޗް ސުޕަރ ޖައަންޓްސް ކާމިޔާބުކޮށްފިއެވެ.
ލަކްނޯގެ ވަޖްޕާއި ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ސުޕަރ ޖައަންޓްސް ކާމިޔާބުކުރީ ފަސް ލަނޑުންނެވެ.
މިމެޗްގެ ޓޮސް ދިމާވުމުން މުންބާއި އިންޑިއަންސް ނިންމީ ފީލްޑް ކުރާށެވެ. މިގޮތުން ސުޕަރ ޖައަންޓްސްއިން ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 177 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 89 ލަނޑު ހަދާދިން މަކަސް ސްޓޮއިނިސްެއެވެ. މީގެއިތުރުން ކެޕްޓަން ކްރުނާލް ޕާންޑްޔާ ވަނީ 49 ލަނޑު ހަދާދީފައެވެ. މިއީނިންގްސްގައި އިންޑިއަންސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 30 ލަނޑަށް 2 ވިކެޓް ނަގާދިން ޖޭސަން ބެހްރެންޑޯފްއެވެ.
ޖަވާބުގައި ކުޅެން އަރާ މުންބާއި އިންޑިއަންސްއަށް 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 172 ލަނޑެވެ. މިމެޗްގެ އެންމެ ފަހު އޯވަރަށް ދިޔައިރު އިންޑިއަންސްއަށް މޮޅުވުމަށްޓަަކައި ހަދަން އޮތީ 11 ލަނޑެވެ. ނަމަވެސް ފަހު ހަބޯޅައިން އެޓީމަށް ހެދުނީ އެންމެ ހަ ލަނޑެވެ.
މިމެޗްގައި އިންޑިއަންސްއަށް އެންމެ ރަނގަޅަށް ކުޅުނީ 59 ލަނޑު ހަދާދިން އިޝާން ކިޝަންއެވެ. އަދި ކެޕްޓަން ރޯހިތު ޝަރްމާ ވަނީ 37 ލަނޑު ހަދާދީފައެވެ. މިއީނިންގްސްގައި ސުޕަރ ޖައަންޓްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 11 ލަނޑަށް 2 ވިކެޓް ނަގާދިން ޔަޝް ޓާކޫރާއި، ހަތަރު އޯވަރު 26 ލަނޑަށް ދެވިކެޓް ނަގާދިން ރަވީ ބިޝްނޯއިއެވެ.
މިކާމިޔާބީއާއެކު ލަކްނޯ ސުޕަރ ޖައަންޓްސް މިހާރު ވަނީ ކުޅުނު 13 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މުންބާއި އިންޑިއަންސް އުޅެނީ 14 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައެވެ.