ސައުތު އޭޝިއަން ޖޫނިއަރ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ޑަބަލްސް އިވެންޓުގެ ބައިން ރާއްޖެއިން ދެ ރިހި މެޑެއްޔާއި ތިން ލޯ މެޑަލް ހޯދައިފިއެވެ.
އިންޑިއާގެ އަރުނަޗާލް ޕްރަދޭޝް ސްޓޭޓްގެ ވެރިރަށް އިޓާނަގަރުގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ ޓީމުތަކުން މި މެޑަލްތައް ހޯދާފައިވަނީ ޖޫނިއާ މިކްސްޑް ޑަބަލްސް އާއި ޖޫނިއާ އަންހެން ޑަބަލްސް ބައިގައެވެ.
މުބާރާތުގެ ޖޫނިއާ މިކްސް ޑަބަލްސް ރިހި މެޑަލް ހޯދާފައިވަނީ ފާތިމަތު ދީމާ އަލީ އާއި އަޚްޔާރު އަހުމަދު ހާލިދުގެ ޕެއާއެވެ. މި ދެ ކުޅުންތެރިން ހިމެނޭ ޕެއާ ފައިނަލުގައި ބަލިވީ އިންޑިއާގެ ޖެއިން ޕަޔާސް އާއި ގޯރުޕާޑޭ ޔަޝާސްވީނީގެ ޕެއަރއާ ވާދަކޮށް އެއީ 3-1 ސެޓުންނެވެ.
ޖޫނިއާ އަންހެން ޑަބަލްސްގައި ރިހި މެޑަލް ހޯދާފައިވަނީ ދީމާ އާއި މިޝްކާ މުހައްމަދު އިބްރާހިމްގެ ޕެއާއެވެ. ފައިނަލުގައި ރާއްޖެ ބަލިވީ އިންޑިއާގެ ގޯރުޕާޑޭ ޔަޝާސްވީނީ އާއި ސައިނީ ސުހާނާގެ ޕެއާރ އަތުންނެވެ.
ޖޫނިއާ ފިރިހެން ޑަބަލްސްގައި ލޯ މެޑަލް ހޯދާފައިވަނީ ރާއްޖޭގެ އަޚްޔާރާއި މުހައްމަދު ތާބިން ސުޖާއުގެ ޕެއާއެވެ. އެ ޓީމު ސެމީން ބަލިވީ އިންޑިއާގެ ސްރިވަސްތަވާ ދިވްޔަންޝް އާއި މޯދީ ޖާޝް އަތުންނެވެ.
މީގެއިތުރުން ކެޑޭޓް އަންހެން ޑަބަލްސްގައި ލޯ މެޑަލް މިޝްކާ އާއި އައިޝަތު ޒާރާ ޝާހިލްގެ ޕެއާއަށް ލިބުނީ މުބާރާތުގެ ސެމީ ފައިނަލުގައި ނޭޕާލްގެ ސުޝްމިތާ ކަޑްކާ އާއި ޝްރެސްތާ ސުބާޝްރީގެ ޕެއާ އަތުން ސީދާ ތިން ސެޓުން ބަލިވެގެންނެވެ. އަދި ކެޑޭޓް ފިރިހެން ޑަބަލްސްއިން ލޯ މެޑަލް އުމީރު މުހައްމަދު މުއިއްޒާއި އައުން އިބްރާހިމް ލަތީފްއަށް ލިބުނީ ސެމީގައި ބަންގްލަދޭޝްގެ ހަސީބް އަބްދުލް ހާޝިމް އާއި ރަހްމާން އެމްޑީ މަތާބުރު އަތުން ސީދާ ތިން ސެޓުން ބަލިވުމުންނެވެ.