އިނގިރޭސި އެފް.އޭ ވިމެންސް ސުޕަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ޗެލްސީ ވިމެން އާއި ވެސްޓް ހޭމް ޔުނައިޓެޑް ވިމެން ބައްދަލުކުރި މެޗް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް ޗެލްސީ އަރައިފިއެވެ.
ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކޮށްފައި ވަނީ ފަސޭހަކަމާއެކު ހަތަރު ލަނޑު ސުންލަނޑުންނެވެ.
އެންމެފަހުން އިނގިރޭސި ވިމެންސް އެފް އޭ ކަޕްގެ ތަށި އުފުލާލި ޗެލްސީގެ ފަރާތުން މިމެޗްގައިވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ޗެލްސީއަށް ލީޑު ނަގާދިނީ މެޗްގެ 13 ވަނަ މިނެޓްގައި ނިއާމް ޗާލްސް ޖަހާދިން ލަނޑުންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިގެން ދިޔައެވެ. މިމެޗްގައި ޗެލްސީގެ ދެވަނަ ލަނޑު މެޗްގެ 48 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕަރނީލް ހާޑަރއެވެ. އެޓީމްގެ ތިންވަނަ ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ސޯފީ އިންގްލަ ކާމިޔާބުކޮށްދިންއިރު ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އެރިން ކަރތުބަރޓްއެވެ.
މިކާމިޔާބީއާއެކު ޗެލްސީ ވިމެންއަށް މިހާރުވަނީ ކުޅުނު 20 މެޗުން 52 ޕޮއިންޓް ލިބިފައެވެ. ކުރިން އެއްވަނައިގާ އޮތް މެންޗެސްޓަރ ޔުނައިޓެޑް ވިމެންއަށް ލިބިފައިވަނީ 50 ޕޮއިންޓެވެ. މިހާރު ޕޮއިންޓް ތާވަލް އޮތްގޮތުން ތަށި ދިފާއު ކުރުމަށް މަސައްކަތް ކުރަމުންދާ ޗެލްސީއަށް ކުރިއަށް އޮތް ހަފްތާ ބަންދުގައި ކުޅޭ މެޗްތަކާއެކު ލީގު ކާމިޔާބު ކުރެވުމަކީވެސް ގާތްކަމެކެވެ. މިގޮތުން ޗެލްސީ އާއި އާސެނަލް ވިމެން ބައްދަލުކުރާ މެޗް ޗެލްސީ ކާމިޔާބުކޮށް އަދި ދެވަނައިގައި އުޅޭ މެންޗެސްޓަރ އާއި މެންޗެސްޓަރ ސިޓީ ވިމެން ބައްދަލުކުރާ މެޗުން ޔުނައިޓެޑަށް މޮޅު ނުވެވިއްޖެނަމަ ޗެލްސީ ވިމެންއަށް ލީގު ކާމިޔާބު ކުރެވިގެންދާނެއެވެ. މިމެޗުން ބަލިވުމުން ވެސްޓް ހޭމް މިހާރު އުޅެނީ 17 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.