އިންޑިއަން ޕްރިމިއަރ ލީގު ޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި ޑެއްލީ ކެޕިޓަލްސް އާއި ޕަންޖާބް ކިންގްސް ބައްދަލުކުރި މެޗް ޑެއްލީ ކެޕިޓަލްސް ކާމިޔާބުކޮށްފިއެވެ.
ދަރަމްސާލާގައި ހިމާޗަލް ޕްރަދޭޝް ކްރިކެޓް އެސޯސިއޭޝަން ސްޓޭޑިއަމްގައި ކުޅުނު މިމެޗް ކެޕިޓަލްސްއިން ކާމިޔާބުކޮށްފައި ވަނީ 15 ލަނޑުންނެވެ.
މިމެޗްގެ ޓޮސް ދިމާވުމުން ކިންގްސްއިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މިގޮތުން ކެޕިޓަލްސްއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 213 ލަނޑު ހެދިއެވެ. އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ 82 ލަނޑު ހަދާދިން ރިލީ ރޮސޫވްއެވެ. އަދި ޕްރިޓްވީ ޝޯ 54 ލަނޑު ހެދިއިރު ކެޕްޓަން ޑޭވިޑް ވޯނަރ ވަނީ 46 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ކިންގްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 36 ލަނޑަށް ދެވިކެޓް ނަގާދިން ސޭމް ކުރާންއެވެ.
ކިންގްސްއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން ހެދުނީ 198 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 94 ލަނޑު ހަދާދިން ލިއޭމް ލިވިންގްސްޓޯންެއެވެ. އަދި އަތަރްވާ ޓައިޑޭ ވަނީ އެޓީމަށް 55 ލަނޑު ހަދާދީފައެވެ. ކެޕިޓަލްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ތިން އޯވަރު 36 ލަނޑަށް ދެވިކެޓް ނަގާދިން އިޝާންތު ޝަރްމާ އާއި ހަތަރު އޯވަރު 36 ލަނޑަށް ދެވިކެޓް ނަގާދިން އެންރިޗް ނޯޓްޖޭއެވެ.
މިމެޗް ޑެއްލީ ކެޕިޓަލްސްއިން ކާމިޔާބުކުރުމާއެކު ޕަންޖާބް ކިންގްސްއަށް ވަނީ ޕްލޭ އޮފްސްއިން ޖާގަ ހޯދުމަށްޓަކައި އެހެން ޓީމްތަކުގެ ނަތީޖާތަކަށް މިހާރު އިންތިޒާރު ކުރަން ޖެހިފައެވެ. ޕޮއިންޓް ތާވަލްއަށް މިޙާރު ބަލާލާއިރު ކިންގްސް އުޅެނީ 13 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ. އަދި ޑެއްލީ ކެޕިޓަލްސް އުޅެނީ 10 ޕޮއިންޓާއެކު 9 ވަނައިގައެވެ. ނަމަވެސް ކެޕިޓަލްސްއަށް މިހާރުވަނީ ޕްލޭ އޮފްްސްއިން ޖާގަ ލިބިގެން ނުދާނެކަން ކަށަވަރުވެފައެވެ.