ސަރުކާރުން ތަރައްގީކޮށް ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިޔަށްގެންދިޔަ ވ. ކެޔޮދޫ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލާފިއެވެ.
އެއްވެސް ރަށެއް ބާކީނުކޮށް، ސަރުކާރުން ހިންގަވާ ތަރައްގީގެ މަޝްރޫޢުތަކުގެ ދަށުން ކެޔޮދޫގައި ޓާފް އެޅުމުގެ ސަބް ބޭސް މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީންނެވެ.
60 ދުވަހުން ސަބް ބޭސްގެ މަސައްކަތް އެމްޓީސީސީއަށް ނިންމާލެވުނުއިރު އެ ފިޔަވަހީގެ މަސައްކަަތަށް ދެ މިލިއަން ހަތަރުލައްކަ ތޭވީސް ހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ވަނީ ހަރަދުކޮއްފައެވެ.
ކެޔޮދޫގެ ދަނޑުގެ ސަބްބޭސް ރެކްޓިފިކޭޝަން މަސައްކަތް ކުރިޔަށް ގެންދިޔައީ އޯޓެކްސް ޕްރައިވެޓް ލިމެޓެޑާއި ހަވާލުކޮށްގެންނެވެ. މި މަރުހަލާގައި 7 ދުވަހުން ނިންމާލިއިރު ވަނީ 2 މިލިއަން ނުވަދިހަ ތިންހާސް ދުވިސައްތަ އަށާރަ ރުފިޔާ ސައްބީސް ލާރި ހަރަދުކޮށްފައެވެ.
މި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލީ ވީއޭއެމް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. 90 ދުވަސް ތެރޭގައި މުޅި ދަނޑުގައި އެއްކޮށް ޓާފް އަޅާ ނިންމާލެވުނު އިރު މި މަޝްރޫއަށް ވަނީ ފަސްމިލިއަން ހަތަރުލައްކަ ނުވަދިހަ އެއްހާސް ހަތަރުސަތޭކަ ފަންސާސްފަސް ރުފިޔާ ސާޅީސް ހަ ލާރި ހަރަދުކޮށްފައެވެ.
މި ބިޔަ ޕްރޮޖެކްޓާއެކު ކެޔޮދޫގެ ފުޓްބޯޅަ ކުޅޭ ޒުވާނުންނަށް ވަނީ އުއްމީދު އާވެގެން ގޮސްފައެވެ. އަތޮޅު ފުޓްބޯޅައިގައި ކެޔޮދޫއަކީ ރަނގަޅު ތާރީހެއް އޮތް ރަށެކެވެ.