އަންނަ ހޯމަ ދުވަހު ނޭޕާލުގެ ކަތަމަންޑޫގައި ފަށާ ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2023 ގެ ފުރަތަމަ މެޗުގައި ކަޒަކިސްތާން ދެކޮޅަށް ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު ނުކުންނަން ޖެހިއްޖެއެވެ.
މުބާރާތުގައި ރާއްޖެ ހިމެނެނީ ޕޫލް ބީގައެވެ. މި ގުރޫޕްގައި ހިމެނެނީ ރާއްޖެ އިތުރުން ކަޒަކިސްތާން، އުޒްބަކިސްތާން އަދި ސްރީލަންކާއެވެ. ދެ ގުރޫޕަށް މުބާރާތުގެ މެޗުތަށް ބަހާލާފަވާއިރު ފުރަތަމަ ގުރޫޕްގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ނޭޕާލް، ކިރްގިސްތާން، ބަންގްލަދޭޝްގެ އިތުރުން އިންޑިޔާއެވެ.
މިމަހު 28 ގެ ނިޔަލަށް ކުރިޔަށްދާ މުބާރާތުގެ ފުރަތަމަ މެޗުގައި ކަޒަކިސްތާނާ ދެކޮޅަށް ނުކުންނާނީ ހޯމަ ދުވަހުއެވެ. އަންގާރަ ދުވަހު ރާއްޖެ ނުކުންނާނީ އުޒްބަކިސްތާން ދެކޮޅަށެވެ. ގުރޫޕުގެ ފަހު މެޗުގައި ބުދަ ދުވަހު ނުކުންނާނީ ސްރީލަންކާ ދެކޮޅަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އަންހެން ވޮލީޓީމު ނޭޕާލަށް ފުރުމަށް ހަމަ ޖެހިފަވަނީ ހޮނިހިރު ދުވަހުއެވެ. ރާއްޖޭ މުބާރާތަށް ނުކުންނާނީ ތައިލެންޑުގެ ކޯޗަކާ އެކުއެވެ.
އެންމެފަހުން 2021 ވަނަ އަހަރު ބަންގަލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއިން ވާދަކުރި އިރު އެފަހަރު ޓީމުގައި ހިމެނުނީ ޒުވާން ކުޅުންތެރިންނެވެ. އެފަހަރު ރާއްޖޭ ކުޅުނު ހުރިހާ މެޗަކުން ވަނީ ބަލިވެފައެވެ. ރާއްޖެއިން ވަނީ ހުސްވި ފެބްރުއަރީ މަހު އަމިއްލަ ގައުމުގަ ބޭއްވި ފޯނޭޝަން ވޮލީ މުބާރާތުން ރިހި މެޑަލް ހޯދާފައެވެ.