ކުޅިވަރު

އޮފީސް/ކުންފުނިތަކުގެ ވޮލީ މުބާރާތް: އަރބަންކޯ ފައިނަލަށް، ތިންވަނަ ސެމީގައި ވެމްކޯ އާއި އެމްއެންޑީއެފް


އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ސީދާ ޖާގަ އަރބަންކޯއިން ހޯދިއިރު، ތިން ވަނަ ސެމީ ފައިނަލުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ވާދަކުރަން ޖެހިއްޖެއެވެ.

ސެމީ ފައިނަލުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް 3-1 އިން ކުރިހޯދައި، ވެމްކޯއިން ވަނީ ތިން ވަނަ ސެމީ އަށް ދަތުރުކޮށްފައެވެ. ތިން ވަނަ ސެމީގައި މިރޭ ވެމްކޯއާ ކުޅޭ ސިފައިން ކުޅުނު ސެމީގައި އާބަންކޯ އަތުން ވަނީ 3-1 ސެޓުން ބަލިވެފައެވެ. ތިން ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމެއް އަންނަ ހޮނިހިރު ދުވަހުގެރޭ ފައިނަލުގައި އާބަންކޯއާ ކުޅޭނެއެވެ.

ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗު ސޯޝަލް ސެންޓަރު އިންޑޯއަށް ބަދަލުކުރީ، މެޗުތައް ކުރިން ކުޅެމުން އައި ހުޅުމާލޭ ޕާކް ވޮލީ ކޯޓުގައި ވިއްސާރައިގެ ސަބަބުން މެޗުތައް ކުޅެވޭ ގޮތެއް ނުވެގެންނެވެ.

ގްރޫޕް ސްޓޭޖުގައި ފުރިހަމަ ރެކޯޑަކާއެކު ސެމީން ފުރުސަތު ހޯދި ސިފައިންނާއި އާބަންކޯގެ ކުރިމަތިލުން ދިޔައީ ފޯރިގަދަކޮށެވެ. މެޗުގެ ސެޓުތައް ދިޔައީ، 22-25، 25-20، 28-26 އަދި 25-23އިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެމްކޯއިން ޕޮލިހުގެ މައްޗަށް ކާމިޔާބު ހޯދި މެޗުގެ ފުރަތަމަ ސެޓު ވެމްކޯއިން ގެންދިޔައީ 19-25 އިންނެވެ. ދެ ވަނަ ސެޓު ޕޮލިހުން 25-21 ގެންގޮސް އެއްވަރުކުރިއެވެ. ނަމަވެސް ފަހު ދެ ސެޓު، 23-25 އާއި 25-27 އިން ގެންގޮސް ވެމްކޯ މެޗުން މޮޅުވިއެވެ.