އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު އީގަލްސް އާއި ޓީސީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 4-4 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މި މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލީޑު ނަގާފައެވެ. ބްރެޒިލުގެ ފޯވާޑް އިވާން ކާލޯސް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަޙްމަދު ރިޒްވާން (ރިޒޭ) އެވެ. އެކަމަކު މެޗުގެ 18 ވަނަ މިނެޓުގައި ޓީސީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ނެގި ބޯޅައެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާދު ނިޒާރެވެ.
އަދި އޭގެ ހަތަރު މިނެޓު ފަހުން، ޓީސީން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. ކޯނަރެއްގައި އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހައިސަމް ރަޝީދެވެ. ނަމަވެސް ޓީސީއަށް ލީޑު ހިފަހައްޓައިލެވުނީ ތިން މިނިޓު ވަންދެނެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓުގައި ކޯނަރަކުން އިވާން ވަނީ ލަނޑެއް ޖަހައި، އީގަލްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގެ ދެ ވަނަ ހާފުގައި ކުޅުން ފެށިގެން ހަތަރު ވަނަ މިނެޓުގައި ޓީސީން ވަނީ އަލުން ލީޑު ނަގާފައެވެ. މިއީ އީގަލްސްގެ ލަމާން ޒުހައިރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ، އަދި މެޗުގެ 57 ވަނަ މިނެޓުގައި ޓީސީން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ހިތްގައިމު ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިހަމް ހަމްދޫނެވެ.
މި މެޗުގައި އީގަލްސްއިން ފަރަގު ކުޑަކޮށްފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިޒޭއެވެ. އަދި މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އީގަލްސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ޒައިން ޒަފަރު ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތުމުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޭދޫ އިއްބެއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު އެއްވަރުވިއިރު، މިއީ މި ފަހަރުގެ ލީގުގައި އީގަލްސް އަތުން ޕޮއިންޓް ގެއްލުނު ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން ލީގުގައި އީގަލްސް ކުޅުނު ދެ މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ.