އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ވެލެންސިއާ ބަލިކޮށް، ބުރު ސްޕޯޓްސް ކުލަބުން ދެވަނަ މޮޅު ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން ބުރު ސްޕޯޓްސް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ބުރު ސްޕޯޓްސް މޮޅުވިއިރު، މިއީ މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ބުރު ސްޕޯޓްސްއިން ލީގުގައި ޖެހިޖެހިގެން ހޯދި ދެވަނަ މޮޅެވެ. އެގޮތުން މީގެ ކުރިން ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުން ބުރު ސްޕޯޓްސް މޮޅުވިއިރު، އެ ޓީމު ބަލިވީ ލީގުގެ ފުރަތަމަ މެޗުގައި ކުލަބު އީގަލްސް އަތުންނެވެ.
މި މެޗުގައި ބުރު ސްޕޯޓްސްއިން ލީޑު ނެގީ މެޗުގެ 15 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ތަޝްމީން (ތައްތި) އެވެ. އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ވެލެންސިއާ ގޯލްކީޕަރު އާދަމް އިމްއާނުގެ އަތުގައި ޖެހިފައެވެ.
އޭގެ ފަހުން ފުރަތަމަ ހާފުގައި ފުރަތަމަ ހާފުގައި ބުރު ސްޕޯޓްސްގެ ޑިފެންޑަރު ފާރޫގު އިސްމާޢީލް އާއި ކެޕްޓަން އަޙްމަދު ރަޝީދު (އައްމަޑޭ) އަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މި މެޗުގައި ބުރު ސްޕޯޓްސްއިން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގެ ތެރޭގައެވެ. މުޙައްމަދު ޝާމިރު ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އައްމަޑޭއެވެ.
މި މެޗުން ވެލެންސިއާ ބަލިވިއިރު، މި ސީޒަނުގައި މިހާތަނަށް ކުޅުނު ފަސް މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އެގޮތުން ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕުގައި ކުޅުނު ދެ މެޗުންވެސް ވެލެންސިއާ ބަލިވިއިރު، ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ.