ކުޅިވަރު

ޔުވެންޓަސް ބަލިކޮށް ސެވިއްޔާ ފައިނަލަށް


ޔުއޭފާ ޔޫރޮޕާ ލީގުގެ ފައިނަލުން ސެވިއްޔާ ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ސެވިއްޔާ ޖާގަ ހޯދީ ސެމީފައިނަލްގައި ޔުވެންޓަސް އާއި ބައްދަލުކޮށް 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ޔުވެންޓަސްގެ ދަނޑުގައި ކުޅެ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރުވިއިރު ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް އޮތީ އެއްލަނޑު އެއްލަނޑުން އެއްވަރު ވެފައެވެ. މިއާއެކު ދެމެޗްގެ އެގްރިގޭޓަށް ބަލާއިރު ދެޓީމް 2 ލަނޑު 2 ލަނޑުން އެއްވަރުވުމުން ނަތީޖާ ނެރެންޖެހުނީ އިތުރު ވަގުތުގެ ދެހާފް ނުޅޭށެވެ. މިގޮތުން މިކުރިމަތިލުމުން ސެވިއްޔާ ކުރި ހޯދީ އިތުރު ވަގުތުގައި ކާމިޔާބު ކުރި ލަނޑުންނެވެ.

ރޭގެ މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ސެވިއްޔާއިން އުފެއްދި ނަމަވެސް ޔުވެންޓަސްއިންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާ ސެވިއްޔާއަށް ނުރައްކާކޮށްފައެވެ. އަދި މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑުސާން ވްލަހޮވިޗްއެވެ. ނަމަވެސް މިލަނޑު ޖެހިތާ ހަ މިނެޓްފަހުން ސެވިއްޔާގެ ސޫސޯވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަށް ބަދަލު ނައުމުން ނަތީޖާ ނެރުމަށްޓަކައި 30 މިނެޓްގެ އިތުރު ދެހާފް ކުޅެން ފެށިއެވެ. މިމެޗުން ސެވިއްޔާ މޮޅުވި ލަނޑު މެޗްގެ 95 ވަނަ މިނެޓްގައި ޖަހާދިނީ އެރިކް ލަމޭލާއެވެ. މިލަނޑާއެކު ޔުވެންޓަސްއިން ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް އިތުރު ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއްނުވިއެވެ.

މިކާމިޔާބީއާއެކު ސެވިއްޔާއިން މިވަނީ ޔޫރޮޕާ ލީގުގެ ފައިނަލުން 7 ވަނަ ފަހަަރަށް ޖާގަހޯދާފައެވެ. ފައިނަލްގައި ސެވިއްޔާ ބައްދަލުކުރާނީ އިޓަލީވިލާތުގެ އެހެން ޓީމެއް ކަމަށްވާ އޭއެސް ރޯމާ އާއެވެ. ރޯމާ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގައި ބަޔަރ ލެވަރކޫސެން އާއި ބައްދަލުކޮށް އެއްލަނޑު ސުންލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ރޯމާގެ ދަނޑުގައި ކުޅެ އެއްލަނޑު ސުންލަނޑުން ރޯމާ ކާމިޔާބު ކުރިއިރު ދެވަނަ ލެގް ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.

އޭއެސް ރޯމާ އާއި ސެވިއްޔާ ބައްދަލުކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހު ހަންގޭރީގެ ބުޑަޕެޝްޓްގައެވެ.