އިންޑިއަން ޕްރިމިއަރ ލީގު ޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި ރޯޔަލް ޗެލެންޖަރސް ބެންގަލޯ އާއި ސަންރައިސަސް ހައިދެރަބާދު ބައްދަލުކުރިމެޗް ރޯޔަލް ޗެލެންޖަރސްކާމިޔާބުކޮށްފިއެވެ.
ހައިދެރަބާދުގެ ރަޖީވް ގާންދީ އިންޓަރނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ރޯޔަލް ޗެލެންޖަރސް ކާމިޔާބުކުރީ އަށް ވިކެޓުންނެވެ.
މިމެޗްގެ ޓޮސް ދިމާވުމުން ރޯޔަލް ޗެލެންޖަރސް ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މިގޮތުން ސަންރައިސަރސް އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 186 ލަނޑެވެ. އެޓީމަށް މިމެޗްގައި އެންމެ ރަނގަޅަށް ކުޅުނީ 104 ލަނޑު ހަދާ މިމެޗްގައި ސެންޗަރީއެއް ހެދި ހެއިންރިކް ކްލާސެންއެވެ. މިއީނިންގްސްގައި ރޯޔަލް ޗެލެންޖަރސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ 2 އޯވަރު 13 ލަނޑަށް ދެވިކެޓް ނެގި މައިކަލް ބްރޭސްވެލްއެވެ.
ޖަވާބުގައި ރޯޔަލް ޗެލެންޖަރސްއިން ކުޅެން އަރާ ހަތަރު ބޯޅަ ބާކީ އޮއްވާ ދެ ކުޅުން ތެރިން ނުބައިވެގެން 187 ލަނޑު ހަދާ މެޗް ކާމިޔާބު ކުރިއެވެ. މިމެޗްގައި ރޯޔަލް ޗެލެންޖަރސްއަށް އޯޕަނިންގ ދެބެޓްސްމަނުންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ވިރާތު ކޯލީ 100 ލަނޑު ހަދާ ސެންޗަރީ ހެދިއިރު ކެޕްޓަން ފަފް ޑު ޕްލެސީވަނީ 71 ލަނޑު ހަދާދީފައެވެ. މިއީ ކޯލީ އައިޕީއެލްގައި ހެދި ހަވަނަ ސެންޗަރީއެވެ. މިމެޗްގައި ސަންރައިސަރސްއިން ނެގި ދެވިކެޓް ނަގާދީފައިވަނީ ބުވްނޭޝްވަރު ކުމާރު އާއި ނަތަރާޖަންއެވެ.
މިކާމިޔާބީއާއެކު ރޯޔަލް ޗެލެންޖަރސްއިން މިވަނީ ޕްލޭ އޮފްސްއިން ޖާގަހޯދުމަށް ކުރަމުންދާ އުންމީދު އާކޮށްފައެވެ. ރޯޔަލް ޗެލެްޖަރސް ބެންގަލޯ މިވަގުތު އުޅެނީ 13 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ސަންރައިސަރސް ހައިދެރަބާދު އުޅެނީ 8 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.