ކުޅިވަރު

އިންނަމާދޫ އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކޮށްފި


މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ އައުޓްޑޯ ވޮލީބޯޅަ ކޯޓް ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި އިއްޔެ ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި ރ. އިންނަމާދޫ އައުޓްޑޯ ވޮލީކޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބޮޑުތިލަ އިންވެސްޓްމަންޓް އާއެކުއެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުހައްމަދު އެވެ. ބޮޑުތިލަ އިންވެސްޓްމަންޓް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އާމިނަތު ޝަކީލާ އެވެ.

އިންނަމާދޫ އައުޓްޑޯ ވޮލީކޯޓް ތަރައްޤީކުރުމަށް ބޮޑުތިލަ އިންވެސްޓްމަންޓާ ހަވާލުކުރީ 1،152،433.20 (އެއް މިލިޔަން އެއް ލައްކަ ފަންސާސް ދެހާސް ހަތަރުސަތޭކަ ތިރީސް ތިން ރުފިޔާ ވިހި ލާރި) އަށެވެ. މި މަސައްކަތް ބޮޑުތިލަ އިންވެސްޓްމަންޓާއ ހަވާލުކުރީ މަސައްކަތް ފަށާތާ 44 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށެވެ.