ކުޅިވަރު

އޮފީސް/ކުންފުނިތަކުގެ ވޮލީ މުބާރާތް: ފައިނަލުގެ ފަހު ޖާގަ ވެމްކޯއަށް


އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީ ފައިނަލުގައި ސީދާ ތިން ސެޓުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބަލިކޮށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުން ވެމްކޯ މޮޅުވީ 25-21، 25-15 އަދި 25-21 އިންނެވެ.

ރޭގެ މެޗަށް ނުކުތްއިރު ސިފައިންގެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މި ފަހަރުގެ މުބާރާތުގައި އެ ޓީމަށް އެންމެ މޮޅު ކުޅުމެއް ދެއްކި އެޓޭކަރު، ހުސެއިން ރައްޒާން ފަޔަށް އަނިޔާވެ، ރޭގެ މެޗުގައި ނުކުޅެވުމެވެ.

އިންޑިއާގެ ކުޅުންތެރިޔާ، ވިނީތު ކުމާރް އާއި ގައުމީ ފިރިހެން ވޮލީ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)ގެ ރަނގަޅު ހަމަލާތަކެއް ފެނިގެންދިޔަ ރޭގެ މެޗުގައި ވެމްކޯ އިން ވަނީ ޖުމްލަކޮށް ބަލާއިރު، ތިން ސެޓުގައި ވެސް އަތުން ކޮންޓްރޯލް ނުގެއްލި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ސިފައިންގެ ޓީމުން އާދަމް ނަސީމް (އެޑަމް) އާއި ސްރީ ލަންކާގެ ކުޅުންތެރިޔާ، މަދުޝަކާ، ކޮންމެ ވެސް ވަރަކަށް ފުރަތަމަ ސެޓުގައި ކުޅެވޭތޯ މަސައްކަތް ކުރި ނަމަވެސް އެއް ފެންވަރެއްގައި ޓީމަށް ނުކުޅެވި، ޕްރެޝަރުގައި ގޯސްތަކެއް ހެދުނީ އެވެ.

ފައިނަލުގައި ވެމްކޯ ނުކުންނާނާނީ އަރބަންކޯއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ މާދަމާރޭ 20:30 ގައެވެ.