އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ކުލަބު ގްރީން ސްޓްރީޓްސްއިން ފުރަތަމަ މޮޅު ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ގްރީން ސްޓްރީޓްސް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗަށް ނުކުތްއިރު ދެ ޓީމުވެސް މީގެ ކުރިން ކުޅުނު ދެ މެޗުން ބަލިވެފައި އޮތުމުން، މޮޅެއް ހޯދުމަށް ދެ ޓީމަށްވެސް އޮތީ މުހިންމު ވެފައެވެ.
މި މެޗު ފަށައިގެން ދެ ޓީމަށްވެސް މާ ރަނގަޅަށް ކުޅުމެއް ނުދެއްކުނު ނަމަވެސް، ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސްއިން ވަނީ ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކޮށްފައެވެ. އެއާއެކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އިބްރާހީމް ހާމިދު ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ލީޑު ނަގައިދީފައެވެ.
މި މެޗުގައި ގްރީން ސްޓްރީޓްސްއިން ލީޑު ފުޅާކުރީ މެޗުގެ 62 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ހާމިދެވެ. މި މެޗުގެ އިތުރު ވަގުތުތެރޭގައި ގްރީން ސްޓްރީޓްސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގެ ފަހުކޮޅު ކުޅެން ނުކުތް އަބްދުﷲ އަނޫސްއެވެ. މި ލަނޑަށްފަހު މިނެޓެއް ނުވަނަނީސް ޔޫވީން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ހުސެއިނެވެ.
މި ނަތީޖާއެކު ގްރީން ސްޓްރީޓްސްއިން ލީގުގައި ފުރަތަމަ ތިން ޕޮއިންޓް ހޯދިއިރު، އެ ޓީމުން މި ވަނީ ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ތިން މެޗު ކުޅުނު ޔޫވީއަށް އަދި މިހާތަނަށް ލީގުގައި މޮޅެއް ހޯދިފައެއް ނުވެއެވެ.