އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލުގެ އެއްވަނައިގައި ލީޑެއް ނަގައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ސަސްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ އަށްވަނަ މިނެޓުގައި އެ ޓީމުގެ މުޙައްމަދު ސަޚާއު ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން އޭރިއާ ތެރެއިން އަޙްމަދު ހުސާމް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
ސަސްއިން ރަނގަޅަށް ކުޅެމުން ދަނިކޮށް، މެޗު އެނބުރިގެން ދިޔައީ 18 ވަނަ މިނެޓުގައި ހަމްޒާ މުޙައްމަދު (ހަމްޕު) މާޒިޔާއަށް ކާމިޔާބުކޮށްދިން ޕެނަލްޓީއާއެކުއެވެ. މިއީ ކޯނަރެއްގައި ގޯލަށް ވަންނަށް ދިޔަ ބޯޅައެއް، ސަސްގެ އަޙްމަދު އައިހަމް ގަސްތުގައި އަތުން ޖައްސައި، ބޯޅަ މަތަކުރުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި އެއާއެކު ރެފުރީ ވަނީ އައިހަމަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.
މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުންވެސް ސަސްއިން ވަނީ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި ހާފުގެ ފަހުކޮޅު ސަސްގެ ފުލްބެކް އައިހަމް އަޙްމަދު ހިލޭ ޖެހުމަކުނ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި މާޒިޔާއިން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުން ލީޑު ފުޅާކުރީ މެޗުގެ 63 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަަސަން ރާއިފް އަޙްމަދު (ހަންނަ) އެވެ.
އަދި މި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ޖަހައިދިނީ ބަދަލަކަށް ކުޅެން ނުކުތް އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ބަދަލަކަށް ކުޅެން އެރި ނާއިޒު ހަސަން (ދާދު) ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މި މޮޅާއެކު މާޒިޔާއިން ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމު ވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް ކުލަބު އީގަލްސް އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ސަސްއަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ.
މި މެޗާއެކު އަންނަ ޖޫން މަހުގެ ފަހުކޮޅު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ލީގުގެ ކުޅުން މެދުކަނޑާލިއިރު، ލީގުގެ ކުޅުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހެވެ.