ކުޅިވަރު

ފަހު ދެ މެޗު ކޮންމެ ގޮތަކަށް ނިމުނު ކަމުގައިވިޔަސް އާސެނަލުން ކުރިއެރުންތަކެއް ހޯދައިފި: އާޓޭޓާ


އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ކުޅޭ ފަހު ދެމެޗްގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުން ނަމަވެސް މިސީޒަން ބެލެވިގެންދާނީ އާސެނަލްއިން ގިނަ ކުރިއެރުންތަކެއް ހޯދާ ސީޒަނެއްގެ ގޮތުގައި ކަމަށް އެޓީމްގެ ކޯޗް މިކޭލް އާޓޭޓާ ބުނެފިއެވެ.

އާޓޭޓާ މިހެން ބުނީ ލީގުގައި ރަށުން ބޭރުގައި މިއަދު ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ނިކުންނަ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

އާޓެޓާ ހާމަކުރިގޮތުގައި މިސީޒަންގައި އާސެނަލްއިން ވަނީ މުސްތަގްބަލަށް ބިނާކުރެވޭ ވަރުގަދަ ޓީމެއްގެ ބިންގާ އަޅާފައިކަމަށެވެ. މިހާރު މިއޮތް އާސެނަލް ޓީމްގައި ފެންވަރު ވަރަށް ރަނގަޅަށް އެބަހުރި ކަމަށާއި ޒުވާން ހުނަރުވެރި ގިނަ ކުޅުންތެރިން ތިބިއިރު އެކުޅުންތެރިންނަށް މަގުދައްކާ ލަފާދޭނެ ތަޖުރިބާ ކާރު ކުޅުންތެރިންވެސް އެބަތިބި ކަމަށް އާޓެޓާ ބުންޏެވެ.

މިސީޒަންގައި އާސެނަލްއިން ވަނީ ސީޒަންގެ ކުރީކޮޅު ވަރަށް މޮޅު ކުޅުމެއް ދައްކާ ރަނގަޅު ލީޑެއްވެސް ނަގާ ތާވަލްގެ އެއްވަނައިގާ އެންމެ ގިނަ ދުވަސް ހޭދަކޮށްފައެވެ. މިސީޒަންގެ ފެބްރުއަރީ އާހަމައަށް އާސެނަލް ބަލިވެފައިވަނީ އެންމެ ފަހަރަކުއެވެ. ނަމަވެސް ފަހު ބައިގާ ބައެއް ކުޅުންތެރިންނަށް އަނިޔާވުމުގެ ސަބަބުން އެއް ފެންވަރެއްގައި އެޓީމްގެ ކުޅުން ހިފަހައްޓާ ނުލެވުމާއި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ފޯމަކަށް އެޅި އެޓިމްގެ ކުޅުން ވަރުގަދަ ވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އާސެނަލްއަށް ލީގުގެ އެއްވަނަ މަގާމް ގެއްލި ދެވަނައަށް ވެއްޓުމެވެ. އަދި މިއަދު ފޮރެސްޓާއި ދެކޮޅަށް ކުޅޭ މެޗުން ބަލިވެއްޖެނަމަ ސިޓީއަށް ބޯޅައެއްގައި ފައިޖައްސާ ނުލާ ލީގު ކާމިޔާބު ވެގެންދާނެއެވެ.

މިމެޗް އާސެނަލް ކާމިޔާބު ކުރި ނަމަވެސް މާދަމާ އަމިއްލަ ދަނޑުގައި ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗް ކާމިޔާބު ކޮށްފި ނަމަ ސިޓީއަށް ތަށި އުފުލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އާޓޭޓާ ހާމަކުރިގޮތުގައި މިސީޒަންގައި ދެއްކި ކުޅުން މިއައްވުރެ ފުރިހަމައަށް މިއަންނަ ސީޒަންގައި ދެއްކުމަށްޓަކައި ޓީމްގެ ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރަންޖެހޭނެކަމަށެވެ. އެއީ މިއަންނަ ސީޒަން މިސީޒަނަށްވުރެ ހުރިހާ ގޮތަކުންވެސް އުނދަގޫވެގެންދާނެކަމަށް އޭނާ ފާހަގަ ކުރިއެވެ.

މިސީޒަންގައި އެޓީމުން ގިނަ ދުވަސްތަކެއް ވަންދެން ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެހެން ޓީމް ތަކުން އެންމެ ބޮޑަށް ބަލިކުރަން ބޭނުންވާ ޓީމްތަކުގެ ލިސްޓުގެ ވަރަށް ކުރިން އާސެނަލްއަށް ޖާގަ ލިބިގެންދާނެކަމަށެވެ. އަދި އެހެން ވުމުން މިފެންވަރު ނުދެމެހެއްޓިއްޖެނަމަ ހުރިހާ މެޗެއްގައިވެސް ގިނަ އުނދަގޫ ތަކަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ.

މިސީޒަންގެ ފަހު ބައިގާ މިދިމާވި ގޮތުން މުޅި ޓީމަށްވެސް މާޔޫސްކަމާއި ހިތްދަތިކަން ލިބިފައިވާކަމަށާއި ނަމަވެސް މިސީޒަންގައި ލިބުނު ހިތްދަތިކަން ހިތްވަރަށް ބަދަލުކޮށް މިއަންނަ ސީޒަންގައި މިއައްވުރެ ރަނގަޅު ކުޅުމެއް ދައްކާ މިފަހަރު ނުދެވުނު ހިސާބަށް ދިއުމަށް މުޅި ޓީމް އޮތީ އަޒުމް ކަނޑައަޅާއިގެންކަމުގައިވެސް އާޓޭޓާ ހާމަކުރިއެވެ.