ކުޅިވަރު

ރަޝްފޯޑް ޔުނައިޓެޑުގައި މަޑުކުރާނެ: ޓެން ހާގް


އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ އިންގްލަންޑްގެ ހުނަރުވެރި ފޯވާޑް މާކަސް ރަޝްފޯޑް އެޓީމްގައި މަޑުކުރާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށް ޔުނައިޓެޑްގެ ކޯޗް އެރިކް ޓެން ހާގް ބުނެފިއެވެ.

ޓެން ހާގް މިހެން ބުނީ ރަޝްފޯޑާއި ޔުނައިޓެޑްގެ މެދުގައި މިހާރު ކުރިއަށްދާ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތަކާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

ރަޝްފޯޑްވަނީ މިސީޒަންގައި 29 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މިއީ އޭނާގެ އެންމެ ކާމިޔާބު ސީޒަންގެ ގޮތުގައި ވަނީ ބެލެވިފައެވެ.

ޓެން ހާގް ހާމަކުރިގޮތުގައި ކޮންޓްރެކްޓްގެ ވާހަކަ ކުރިއަށްދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެކަމަށް ޤަބޫލުކުރާކަމަށާއި، ނަމަވެސް އެންމެ ފަހު ވަގުތު ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވި ރަޝްފޯޑް ޔުނައިޓެޑްގައި މަޑުކުރާތަން ފެނިގެންދާނެކަމަށް އުންމީދު ކުރާކަމަށެވެ. ޔުނައިޓެޑުން ރަޝްފޯޑް އެޓީމްގައި މަޑުކުރުވަން ބޭނުންވާކަމަށާއި، މިވަގުތު ރަޝްފޯޑްއަށް އެންމެ މުހިންމީ ޓީމާއެކު ރަނގަޅަށް ކުޅެ ގިނަ ލަނޑު ތަކެއް ޖަހާ ޓީމް މޮޅުކޮށްދިނުން ކަމަށްވެސް ޓެން ހާގް ބުންޏެވެ.

ނަމަވެސް މިއަދު ބޯންމޯތާއި ދެކޮޅަށް ކުޅޭ މެޗްގައި ރަޝްފޯޑް ނުފެނިދާނެކަމާއި އޭނާ އުޅެނީ ބަލިވެކަމަށް ޓެން ހާގް ހާމަކުރިއެވެ. މިވަގުތު މުޅި ޓީމްގެ ވިސްނުންވެސް ހުރީ އަންނަ ސީޒަންގައި ޗެމްޕިއަންސް ލިގުގައި ކުޅުމުގެ ޖާގަ ކަށަވަރު ކުރުމަށްކަމަށް ޓެންހާގް ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ފަހު ދެޖާގައަށް މިހާރު އަންނަނީ ޔުނައިޓެޑްގެ އިތުރުން ނިއުކާސްލް ޔުނައިޓެޑާއި ލިވަޕޫލުން ވާދަކުރަމުންނެވެ. އެކަމަކު މިވަގުތު ތާވަލް އޮތް ގޮތުން މިޖާގާތައް ހޯދުން އެންމެ ގާތީ ޔުނައިޓެޑާއި ނިއުކާސްލްއެވެ.