އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުން ކަޒަކިސްތާންގެ އެލޭނާ ރީބަކީނާއާއި، ޔޫކްރެއިންގެ އަންހެލީނާ ކަލިނީނާ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުން އުމުރުން 26 އަހަރުގެ ކަލިނީނާ ޖާގަހޯދީ ސެމީފައިނަލްގައި މިމުބާރާތުގައި އެގާރަވަނައަށް ސީޑް ކުރެވިފައިވާ ރަޝިއާގެ ވެރޯނިކާ ކުޑަރމެޓޯވާ އާއި ބައްދަލުކޮށް ދެސެޓް އެއްސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.
30 ވަނައަށް ސީޑް ކުރެވިފައިވާ ކަލިނީނާ މިމެޗެސްގެ ސެޓްތައް ގެންދިޔައީ ހައެއް ފަހެއް، ފަހެއް ހަތެއް އަދި ހައެއް ދެއަކުންނެެވެ. މިމެޗްގެ ދެވަނަ ސެޓްގައި ފަހެއް ތިނެއްގައި އޮވެ ކަލިނީނާ މެޗަށް ސަރވް ކުރި ނަމަވެސް ކުޑަރމެޓޯވާ ވަނީ ޖެހިގެންއައި 16 ޕޮއިންޓް ހޯދާ ތިންވަނަ ސެޓަކަށް މިމެޗް ގެންގޮސްފައެވެ. މިއާއެކު ތިންވަނަ ސެޓް އިތުރަށް ފޯރިގަދަވެގެންދާނެކަމަށް ބެލެވިގެންދިޔަ ނަމަވެސް ކަލިނީނާ އެސެޓް ކާމިިޔާބުކުރީ ފަސޭހަ ކަމާއެކު ހައެއް ދެއަކުންނެވެ.
މިމުބާރާތުގެ ފައިނަލުން އެންމެފަހުގެ ވިމްބަލްޑަން ޗެމްޕިއަން ރީބަކީނާ ޖާގަހޯދީ ސެމީފައިނަލްގައި ލެޓްވިއާގެ ޔެލޭނާ އޮސްޓަޕެންކޯއާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ސެޓްތައް ރީބަކީނާ ކާމިޔާބުކުރީ ހައެއް ދޭއް އަދި ހައެއް ހަތަރަކުންނެވެ.
މިއާއެކު ރީބަކީނާ މިވަނީ އެއް ސީޒަނެއްގައި އޮސްޓްރޭލިއަން އޯޕަން، އިންޑިއަން ވެލްސް، މައޭމީ އޯޕަން އަދި އިޓާލިއަން އޯޕަންގެ ފައިނަލުން ޖާގަހޯދި ތިންވަނަ ކުޅުންތެރިޔާއަށް ވެގެންގޮސްފައެވެ. މީގެކުރިން މިކަން ހާސިލް ކޮށްފައިވަނީ 1991 ވަނަ އަހަރު މޮނިކާ ސެލެސް އަދި 2012 ވަނަ އަހަރު މާރިއާ ޝަރަޕޯވާއެވެ. މިފަހަރުގެ ފައިނަލް ކާމިޔާބު ކުރެވިއްޖެ ނަމަ ކުރިއަށް އޮތް ފްރެންޗް އޯޕަންގައި ގަދަ ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ރީބަކީނާއަށް ލިބިގެންދާނެއެވެ.