ޚަބަރު

ޅ.ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކޮށް ނިމި ރަށުގެ ރައްޔިތުންނަށް ހިތްހަމަޖެހުން


ޅ،ކުރެންދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން އެރަށުގައި ކުރިއަށްގެންދެވި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. އެރަށުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީންނެވެ. އެމްޓީސީސީން އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ.

2094 މީހުންގެ އާބާދީއެއް އޮތް ޅ. ކުރެންދޫ އަކީ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. ކުރެންދޫގެ އާބާދީގެ ގިނަ ރައްޔިތުން އާމްދަނީ ހޯދަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. ރަށުގައި މާބޮޑު ކަނޑުމަހުގެ ނުވަތަ ކަންނެލީގެ މަސްވެރިކަމެއް ނެތްނަމަވެސް ފަރުމަހުގެ މަސްވެރިކަން ކޮށްއުޅެއެވެ. ރަށުގެ ހުރިހާ ފަރާތަކުންހެން ގިރަމުން ދިޔުމާއެކު ކުރެންދޫއަށް އެތައް ގެއްލުމެއް ލިބ،ި އެތައް ރުއްގަހެއްވެސްވަނީ ނެތިގެން ގޮސްފައެވެ. މިމައްސަލައަކީ ކުރެންދޫ ރައްޔިތުންގެ ވަރަށް ދުވަސްވީ ކަންބޮޑުވުމެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކުރެންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާޙިމް މުފީދު ވިދާޅުވީ ރަށްގިރުމުގެ ސަބަބުން މީގެ ކުރިން ރަށަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށެވެ. ޚާއްސަގޮތެއްގައި ގަދަ ދުވަސްވަރު އުދައަރާ ގެތަކަށް ގެއްލުން ލިބުނުކަން މުފީދު ފާހަގަކުރެއްވިއެވެ. އެގޮތުން 2021 ވަނަ އަހަރު އުދައަރާ ރަށުގެ އިރުމަތި ފަރާތުން ބޮޑު ބައެއް ގިރައިގެންދިޔަކަމަށާއި ފުޓްބޯޅަދަނޑު ބޭނުންނުކުރެވޭވަރަށް ހަލާކުވިކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ގޮނޑުދޮށް ހިމާޔަތްކޮށް ނިމުމާއެކު ރަށްގިރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަން މުފީދު ފާހަގަކުރެއްވިއެވެ.

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށީ އެރަށުގެ ހުޅަނގު ދެނުކު ފަރާތުންނެވެ. ރަށްވަށައިގެން ހިމާޔަތް ކުރި މި ރަށުގައި ދެ ގޮތަކަށްވަނީ ތޮށިލާފައެވެ. އެއީ ވޯޓަރ ބްރޭކް އާއި ރިވެޓްމަންޓް ޖަހައިގެންނެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި 361 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓްވެސްވަނީ ޖަހާފައެވެ.

މިނިސްޓްރީ އޮފް ނޭޝަަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރަސްޓްރަކްޗާ އިން މިމަސައްކަތް އެމްޓީސީސީއާ ހަވާލު ކުރެއްވީ 42.34 މިލިއަން ރުފިޔާއަށެވެ.