މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކަންކަން އޮބްޒާވްކުރުމުގެ ދައުވަތު 15 ޤައުމަކަށް އިލެކްޝަންސް ކޮމިޝަނުން ދެއްވައިފިއެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30 ގައި ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ. އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ވަމުންނެވެ.
މިގޮތުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް 15 ޤައުމެއްގެ އިލެކްޝަންސް އިދާރާއަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާގައި ރަސްމީކޮށް ދައުވަތު ފޮނުވާފައިވާކަމަށް އެ ކޮމިޝަނުގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދައުވަތު ފޮނުވި ޤައުމުގެތަކުގެ ތެރޭގައި ޖޯޖިއާ، ފިލިޕީންސް، އިންޑޮނޭޝިއާ، ތައިލޭންޑް، ސައުތު ކޮރެއާ، ސައުތު އެފްރިކާ، ކިރިގިސްތާން، އަދި ހަންޑޫރަސް ހިމެނެއެވެ. އަދި ސްރީލަންކާ، ބޮސްނިއާ، އޮސްޓްރޭލިއާ، ޖޯޑަން، ކެނެޑާ، ޖަޕާން އަދި ނޭޕާލްގެ އިލެކްޝަން އިދާރާއަށްވެސް ވަނީ ދައުވަތު ފޮނުވާފައެވެ.
ރިޔާސީ އިންތިޚާބު 2023 އޮބްޒާވްކުރުމަށް، 15 ގައުމެއްގެ އިލެކްޝަންސް އިދާރާއަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާ ގައި ރަސްމީކޮށް ދައުވަތު ފޮނުވައިފި. @ElectionsMv @mvpeoplesmajlis @MoFAmv pic.twitter.com/mwglr0yaqQ
— Ismail Habeeb (@IsmailHabeeb) May 27, 2023
ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމުގެ ދައުވަތު 15 ޤައުމަކަށް އިލެކްޝަނުން ދެއްވާފައިވާއިރު، މިއަހަރުގެ އިންތިޚާބުގައި ދިވެހިން އާއްމުކޮށް ދިރިއުޅޭ ޤައުމުތަކުގެ ތެރެއިން 8 ޤައުމެއްގައި ވޯޓުފޮށި ބެހެއްޓެވުމަށް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށިތަކާއެކު 600 އަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ޓައިމްލައިންގައިވާގޮތުން ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ހުޅުވާލާނީ 23 ޖުލައިން 3 އޯގަސްޓުގެ ނިޔަލަށެވެ. އަދި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް 9 އޯގަސްޓްގައި އިޢުލާންކުރާނެއެވެ. ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާ ހަމައަށް ފުރުޞަތު ދެއްވުމަށްވެސް ކޮމިޝަނުން ވަނީ ނިންމަވައިފައެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި 280،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުމުގެ ހައްގު ލިބިފައިވެއެވެ.