ތިމާވެށި

އެތެރެކުރި ޕްލާސްޓިކު ކޮތަޅު އަހަރެއްގެ ތެރޭގައި %50 މަދުކުރެވިއްޖެ: ރައީސް


ސަރުކާރުން ތަންފީޒުކުރައްވަން ފެށްޓެވި ސިންގަލް ޔޫސް ޕްލާސްޓިކް ސިޔާސަތުގެ ސަބަބުން އަހަރެއްގެ ތެރޭގައި ރާއްޖެ އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ޢަދަދު 50 އިންސައްތަ ކުޑަކުރެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރައްވަން އއ. އުކުޅަހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ރާއްޖޭގެ ޤުދުރަތީ ވެށީގެ މުއްސަނދިކަމާއި ރީތިކަން ޙިމާޔަތްކޮށް، ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ދައުލަތުގެ އަސާސީ ވާޖީބެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އަޅުގަނޑުމެން ދިވެހިންނަށް މޫސުމަށް އަންނަ ބަދަލުތަކަށް މާބޮޑު ޙައްލެއް ނުހޯދިދާނެކަމަށާއި، އެހެންނަމަވެސް މިކަންކަމާ ގުޅިހެން އަންނަ ބަދަލުތަކަށް ހޭނުމާއި، ތައްޔާރުވެ ތިބުމަކީ އެންމެން އެކުގައި ކުރަންޖެހިފައިވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ތިމާވެށްޓަށް އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މެދުފަންތީގެ ޤައުމަކަށް ދިވެހިރާއްޖެ ބަދަލުވެ ދިރިއުޅުމުގެ ފެންވަރު އެތައް ގުނައަކުން މައްޗަށް ޖެހުނުއިރު، ކުނި އުފެދޭ މިންވަރުވެސް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށާއި، އުފެދޭ ކުނީގެ ބާވަތްތައްވެސް ތަފާތުވެފައިވާ ކަމަށެވެ. އަދި މީގެ ތެރެއިންވެސް ޙައްލު ހޯދަންޖެހިފައިވާ އެންމެ ބޮޑު އެއްކަމަކީ ޕްލާސްޓިކް ކުނީގެ މައްސަލަތައްކަން ރައީސް ފާހަގަކުރެއްވިއެވެ.

މިކަމަށް ޙައްލު ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން މަނާކުރުމާއެކު، މި ސިޔާސަތު ތަންފީޒުކުރަން ފެށިފަހުން މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ހެޔޮ ބަދަލުތަކެއް ފެންނަން ފަށާފައިވާކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"މި ސިޔާސަތު ތަންފީޒުކުރަން ފެށިފަހުން އެއް އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް 50 އިންސައްތަ މަދުވެއްޖެ. ކުރިމަގުގައި ޕްލާސްޓިކުގެ އިތުރު އައިޓަމްތައް މަނާކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އަޅުގަނޑުގެ އަމާޒަކީ ރާއްޖެއަކީ ސިންގަލް ޔޫސް ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުން ނުކުރާ ޤައުމަކަށް ހެދުން"

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ދެ ސިނާޢަތްކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތަކީ ވެސް ތިމާވެށްޓާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ސިނާޢަތްކަމަށެވެ. އަދި ރާއްޖެ އުފެދިފައިވާގޮތުން ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ 99 އިންސައްތަކީ ކަނޑުގެ ސަރަޙައްދު ކަމަށާއި، ކަނޑުގެ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް، ކަނޑުގެ މާޙައުލީ ނިޒާމުތަކަށް ދިމާވާ ނުރައްކާތަށް ކުޑަކޮށް އެ ނިޒާމުތައް އިޢާދަކުރުން މުހިއްމުކަމަށެވެ.

މިކަމަށްޓަކައި ކަނޑުގެ ދިރާސާތައް އިތުރުކޮށް ޙިމާޔަތްކުރަންޖެހޭ ސަރަޙައްދުތަކާއި ދިރުންތައް ދެނެގަންނަންޖެހޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"މިހާރު އަޅުގަނޑުމެން ފަށާފައިވާ ނޫރާއްޖެ ޕްރޮގްރާމުގެ ތެރެއިން ކުރެވޭ މެރިން ސްޕޭޝަލް ޕްލޭންގެ ތެރެއިންނާއި، ތިމާވެށީގެގޮތުން ޚާއްޞަ ސިފަތައް ލިބިފައިވާ ތަންތަން ޚިމާޔަތްކުރުމަށްކުރާ މަސައްކަތުގެ ތެރެއިން އިތުރު ސަރަޙައްދުތައްވެސް ޚިމާޔަތްކުރެވޭނެ. މީގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި އެކުލަވާލެވިފައިވާ 30 ބައި 30 އޯޝަން ޓާގެޓުގައި ދިވެހިރާއްޖޭގެ ގިނަ ސަރަހައްދުތައް ހިމެނިގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖްނުކުރެވުމަކީ ރާއްޖޭގެ ތިމާވެށްޓަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުންކަމަށެވެ. އަދި ކުނި މެނޭޖްކުރުމުގެ މައްސަލައަށް އަވަސް ޙައްލުތަކެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށާއި، ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ވަރުގެ ޒަމާނީ ކުނިކޮށްޓެއް ޤާއިމުކޮށް އާލާތްތައް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށެވެ. އެންމެ ތަޙުޒީބު މުޖުތަމަޢުތަކުގައި ވެސް ރައްކާތެރިގޮތުގައި ކުނިމެނޭޖްކުރާ އުޞޫލުން، މިހާރު މި ހިންގޭ މަޝްރޫޢުތަކާ އެކީ އެ އަމާޒަށް ވާޞިލުވެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އަޅުގަނޑުމެންގެ ރަށްތައް އުފެދި ބޮޑުވެ، ދެމިއޮތުން ބަރޯސާވެފައިވަނީ ފަރުތަކާއި ފަޅުތަކާއި، އެއްގަމުގައިވާ މާޙައުލީ ނިޒާމުތަކުގެ މައްޗަށްކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި އަޅުގަނޑުމެންގެ ނާޒުކު ރަށްތައް ކަނޑުގެ ވަރުގަދަ ރާޅުތަކުންނާއި، އެހެނިހެން ނުރައްކަލުން ސަލާމަތްކޮށްދެނީ މި ނިޒާމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މި ނާޒުކު ނިޒާމު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ދިވެހި ރައްޔިތުންނަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.