ޚަބަރު

ފްލެޓް ލިބުނުކަމަށް ބުނެ އަންނަ ކޯލްތަކަށް ސަމާލުވުމަށް އެދިއްޖެ


ރެހެންދި އެކަކާއި ރެހެންދި ތިނަކުން ފްލެޓް ލިބިފައިވާކަމަށް ބުނެ ހައުސިންގ މިނިސްޓްރީގެ ނަމުގައި ބަޔަކު ކުރަމުންގެންދާ ފޯން ކޯލްތަކަށް ސަމާލުވުމަށް އެމިނިސްޓްރީން އެދިވަޑައިގަންނަވައިފިއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ ރެހެންދި އެކަކާއި ރެހެންދި ތިނަކުން ފްލެޓް ލިބިފައިވާކަމަށް ބުނެ ޑައުންޕޭމަންޓް ދެއްކުމަށް އެދި ފައިސާ ހޯދުމަށް ބައެއް ފަރާތްތަކަށް މިނިސްޓްރީގެ ނަމުގައި ކޯލްތައް އަންނަ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައި ވާކަމަށެވެ. އެހެންނަމަވެސް އެފަދަގޮތަކަށް ފައިސާއާއި ފޯނު ރިޗާޖް މެދުވެރިކޮށް ފައިސާ ހޯދުމަށް އެ މިނިސްޓްރީން އެދިވަޑައިނުގަންނަވާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ޓީވީ ކޮށީގައި ޢިމާރަތްކޮށްފައިވާ ރެހެންދި ފްލެޓްގެ ތެރެއިން ރެހެންދި 1ގެ އެއް ފްލެޓާއި ރެހެންދި 3 ގެ 10 ފްލެޓް ގަތުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް، މިމަހުގެ 3 ވަނަދުވަހު އެ ފުރުޞަތު މިނިސްޓްރީން ވަނީ ހުޅުއްވައި ލައްވާފައެވެ. އެގޮތުން އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ 11:00ގައި މިނިސްޓްރީން މަޢުލޫމާތު ސާފުކުރުމަށްފަހު، 31 ވަނަދުވަހުގެ 11:00ގައި އަންދާސީ ހިސާބު ހުށައެޅުމަށް ވަނީ ފުރުސަތު ހުޅުއްވާލައްވަވާފައެވެ.

އެ މިނިސްޓްރީން ޢިއުލާނު ކުރައްވާފައިވާ ގޮތާއި ޚިލާފަށް ޢަމަލުނުކުރައްވާނެ ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.