ޚަބަރު

2 ރަށެއްގެ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރަން ބަޔަކާ ޙަވާލުކޮށްފި


ނ. ޅޮހީ އަދި ތ. ގުރައިދޫ ޞިއްޙީ މަރުކަރުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން ނ. ނޮޅީ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. އަދ ތ. ގުރައިދޫ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ކޯސްޓަލް އިންޖިނިއަރިންގ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މި 2 މަޝްރޫޢުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިނެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ނ. ޅޮހީ އާއި ތ. ގުރައިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ އިތުރުން ވަށާފާރު ރޭނުމުގެ މަސައްކަތްތައް ކުރުންވެސް ހިމެނޭކަމަށެވެ.

މި 2 މަޝްރޫޢުވެސް ޙަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މީގެ ތެރެއިން ޅޮހީ ޞިއްޙީ މަރުކަޒުގެ މަސައްކަތަށް 2.5 މިލިއަން ރުފިޔާ އަދި ގުރައިދޫ ޞިއްޙީ މަރުކަޒުގެ މަސައްކަތަށް 3.2 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގެ ދަށުން، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގެ އާބާތުރަ ފިލުވުމާއި، ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ތަންތަނުގެ ޖާގައިތުރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެތެރޭގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމާއި، އައު ހޮސްޕިޓަލުތައް ޢިމާރާތްކުރުމާއި، އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްތައް ކުރުން ހިމެނެއެވެ.