ޚަބަރު

ދިރާސީ އައު އަހަރުގެ ނިޔަލަށް ހުރިހާ ސްކޫލަކަށް ދިވެހި ޕްރިންސިޕަލުން


  • ނިމުނު ދިރާސީ އަހަރަކީ ކާމިޔާބު އަހަރެއް

  • ޕްރިންސިޕަލުން ތަމްރީންކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާ

  • މިހާރު ތިބީ 15 ބިދޭސީ ޕްރިންސިޕަލުން

އަންނަ ދިރާސީ އައު އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލްތަކުގައި މަސައކަތްކުރައްވާ ޕްރިންސިޕަލުންނަކީ ދިވެހީންކަމަށް ކަނޑައެޅުމަށް މަސައްކަތްކުރައްވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ ވިދާޅުވީ ސްކޫލްތަކަށް ދާއިމީ ޕްރިންސިޕަލުން ހޯދާ އައްޔަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. އަޙްމަދު ޢަލީ ވިދާޅުވީ، ޕްރިންސިޕަލުން ތަމްރީންކުރުމަށް އެ މިނިސްޓްރީން ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގަވަމުން އަންނަކަމަށާއި، އެގޮތުން ރާއްޖެއިން ބޭރުން ޕްރިންސިޕަލުން ތަމްރީންކުރައްވަމުން ގެންދަވާކަމަށާއި، އެޕްރޮގްރާމް ފުރިހަމަކުރެއްވުމަށްފަހު ގިނަ ޕްރިންސިޕަލުން ޚިދުމަތާއި ގުޅިފައިވާކަމަށްވެސް ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވިއެވެ. އަޙްމަދު ޢަލީ ވިދާޅުވީ މިފެށޭ ދިރާސީ އާއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލްތަކުގައި ދާއިމީ ޕްރިންސިޕަލުންގެ ގޮތުގައި ދިވެހީން ބޭއްތިއްބުމަކީ މިނިސްޓްރީގެ އަމާޒެއް ކަމުގައެވެ.

"2019 ގައި އަޅުގަނޑުމެން ފެށިއިރުގަ، ސަރުކާރު ސްކޫލްތަކުގައި ދާއިމީ ޕްރިންސިޕަލުން ނެތް 58 ސްކޫލެއް އޮތް. އޭގެތެރޭގައި 26 ސްކޫލެއްގައި ޕްރިންސަިޕަލުންގެ ގޮތުގައި ބިދޭސީ މީހުން މަސައްކަތް ކުރި. އަޅުގަނޑުމެން ބޮޑު އިސްކަމެއް ދިނިން ސްކޫލްތަކަށް ދާއިމީ ޕްރިންސިޕަލުން އައްޔަން ކުރުމަށް." އަޙްމަދު އަލީ ވިދާޅުވިއެވެ.

މިނިސްޓްރިގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ތަމްރީން ޕްރޮގްރާމް ނިންމައި ޕްރިންސިޕަލުން ހިދުމަތާ ގުޅުނު ހިސާބުން، ދާއިމީ ޕްރިންްސިޕަލުންގެ ގޮތުގައި މަސައްކަތް ކުރާ ދިވެހީން ވަނީ އިތުރުވެފައެވެ. އެގޮތުން ބިދޭސީ ޕްރިންސިޕަލުންގެ ޢަދަދު ވަނީ 15އަށް މަދުކުރެވިފައިކަމަށްވެސް އަޙްމަދު ޢަލީ ވިދާޅުވިއެވެ.

ނިމިގެން މިދޔަ ދިރާސީ އަހަރަކީ ދިރާސީ ގޮތުން ކާމިޔާބު އަހަރެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޕްރިންސިޕަލުންނާއި ޓީޗަރުން ތަމަރީނު ކުރުމަށް ކުރިއަށް ގެންދާ "ވެހި" ޕްރޮގްރާމަކީ ޓީޗަރުން ތަމްރީނު ކުރުމުގައި ކާމިޔާބު ޕްރޮގްރާމެއްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ. އަދި ދަށުން ފާއިތުވި އަހަރު 152 ސްކޫލަކަށް ޢަމާޒުކޮށްގެން ތަފާތު ގިނަ ހަރާތްތަކެއް ހިންގުނުކަން އެ މިނިސްޓްރީން ފާހަގަކުރައްވައެވެ.

އެއްވެސް ކުއްޖަކު ބާކީނުކޮށް ހުރިހާ ކުދިން ޝަމިލްކޮށްގެން ކިޔަވައިދިނުމަކީ ސަރުކާރުގެ މުހިންމު ސިޔަސަތެކެވެ. އެކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން ވިދާޅުވީ ކޮންމެ ކުއްޖަކައްވެސް އަސާސީ ތައުލީމް ދިނުމަށް އެ މިނިސްޓްރީން ބާރުއަޅާކަމަށެވެ. އެއްވެސް ކުއްޖަކު އަސާސީގޮތުން ފުރިހަމަ ކުރަންޖެހޭބައި ފުރިހަމަ ކުރުމުގައި ކުޑަވެސް މިންވަރެއް އުނި ނުވާނޭ ގޮތަށް ފޯރުކޮއްދިނުމަށް މިނިސްޓްރީން ބާރުއަޅާކަމަށްވެސް އިހުސާން ވަނީ ވިދާޅުވެފައެވެ.

"އިސްކަމެއް ދެނީ އަސާސީ ތައުލީމުގައި އެއްވެސް ކުއްޖަކު ބާކީނުކުރުން. އެގޮތުން އެންމެ ކުއްޖަކަށްވެސް އަސާސީގޮތުން ފުރިހަމަ ކުރަންޖެހޭބައި ފުރިހަމަ ކުރުމުގައި އެންމެ ދުވަހެއްވެސް އުނި ނުވާނޭ ގޮތަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރުއަޅަން." އިހުސާން ވިދާޅުވިއެވެ.

ވޭތުވެގެންދިޔަ ދިރާސީ އަހަރަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ކާމިޔާބު އަހަރެކެވެ. އެގޮތުން އޯލެވެލްގެ ގަދަ ދިހައަކާއި، އޭލެވެލް ގަދަ ދިހައެއްގައި މިހާތަނަށް އެންމެ ގިނަ ދަރިވަރުން ހިމެނުނީ މިދިޔަ އަހަރުއެވެ. އަދި މަސައްކަތްކުރައްވަނީ އައު ދިރާސީ އަހަރަކީ އިތުރު ކާމިޔާބީތައް ހާސިލްވާނެ އަހަރަކަށް ހެދުމަށްކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.