"ހާދަ ހޫނޭ" މި ޢިބާރާތަކީ މިހާރު އަޅުގަނޑުމެންގެ ތެރޭގައި މިހާރު އާންމުކޮށް އިވޭ އިބާރާތެކެވެ. މިހާރު "ހީޓްވޭވްސް" އަކީ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ކަމެއް ކަމާ މެދު އެއްވެސް މީހަކަށް އިންކާރެއް ނުކުރާނެއެވެ.
ދިވެހިރާއްޖެއަށް ބެލިކަމުގައި ވީނަމަވެސް ފިނިކުރާ ނިޒާމްތައް ބޭނުންކުރާ މިންވަރު އިތުރުވުމާގުޅިގެން ކަރަންޓު ބޭނުންކުރާ މިންވަރު، ދުވަހަކުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
އާދަޔާ ޚިލާފަށް ހޫނުވުމާ ގުޅިގެން ދިމާވާ ބަލިތައް ކަމަށްވާ ވަރުބަލިވުމާއި ސްޓްރޯކް ޖެހުމަކީ ސީރިއަސް ކަންތައްތަކެވެ. އާދަޔާ ޚިލާފަށް ހޫނުވުމުގެ ސަބަބުން ދުނިޔޭގެ ނިސްބަތުން އެތައް ބައެއްގެ ފުރާނަ ގެއްލިގެންދެއެވެ. އަދި މިކަމަކީ ހަމަ ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެ ކަމެކެވެ.
ސީދާ އިރުގެ އަލިން މާބޮޑަށް ހުށަހެޅުމަކީ ހަމުގެ ކެންސަރު، ލޮލުގެ ކެޓަރެކްޓް، ދިފާއީ ނިޒާމު ދަށްވުން ފަދަ ނާރުތައް ފަޅައިގެންދިއުން ފަދަ ބަލިތަކާ އަދި އެހެން ޞިއްޙީ ނުރައްކާތަކެއް ވެސް ކުރިމަތިވާ ކަމެކެވެ.
ހޫނު ކެތްނުކުރެވޭ މިންވަރަށް މަތިވެ، ފުރާނައަށް ނުރައްކާވާ ގޮތް ވެގެންދަނީ ގިނަ ސަބަބުތަކަކާ ހުރެއެވެ. އެކަމަކު ތިމާވެށީގެ ސައިންސްވެރިންގެ ނަޒަރުގައި އެންމެ ބޮޑު ސަބަބަކީ އަހަރެމެން އިންސާނުންގެ އަމަލުތަކުގެ ސަބަބުންނެވެ.
ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުގައި އިރުގެ އަލި ދުނިޔޭގެ ބިމުގެ ސަރަޙައްދަށް ފޯރާނީ އިންސާނުންނާއި ޖަނަވާރުތަކާއި ގަސްގަހާގެހިގެ ދިރިއުޅުން ދެމެހެއްޓޭ ވަރަށެވެ. އަދި ބާކީވާ ހޫނު ދުނިޔޭގެ ބިމުން ބޭރަށް ރިފްލެކްޓް ވެގެން ދެއެވެ.
މިކަމުގެ ސަބަބުން ދުނިޔެ އިތުރަށް ހޫނު ނުވެ ހިފަހައްޓާދެއެވެ. ނަމަވެސް މިހާރު އިތުރަށް ހޫނުވަނީ ބާކީވާ ހޫނު ރިފްލެކްޓް ނުވާތީއެވެ. ގުދުރަތީ ގޮތުން ރިފްލެކްޓް ވާންޖެހޭ ހޫނު ރިފްލެކްޓްނުވެ، ދުނިޔޭގެ ބިމުގެ ފަށަލާގައި ހޫނު ހިފެހެއްޓިފައި ހުރި މިންވަރު ވަނީ އިތުރުވެފައެވެ.
ދުނިޔޭގެ ފަށަލާގައި ހޫނު ހިފަހައްޓަނީ ގްރީންހައުސް ގޭސްތަކެވެ. ގްރީންހައުސް ގޭސްތަކުން އަޅުގަނޑުމެން ސަލާމަތް ނުވަނީ ކީއްވެގެންތޯ މިއީވެސް ބައެއް ފަރާތްތަކުން އުފައްދާ ސުވާލެކެވެ. ބައެއް ގްރީންހައުސް ގޭހަކީ ޤުދުރަތީ ގޮތުންވެސް ޖައްވުގެ ބައެކެވެ. މިކަމާއި ގުޅޭގޮތުން ނާސާއިން ދިން ފުރިހަމަ ޖަވާބަކީ، "އެއްވެސް ގްރީންހައުސް ގޭސްއެއް ނެތި ދުނިޔެ ވާނީ އައިސް ފަޅު ބިމަކަށް" ކަމަށެވެ.
ދެން އޮތީ ގްރީންހައުސް ގޭސް ގެއްލުން ދޭ އެއްޗަކަށް ވެގެންދަނީ ކިހިނެއްތޯކަމާމެދު އުފެދޭ ސުވާލެވެ. ގްރީންހައުސް ގޭހަކީ އޭގެ ޒާތުގައި ގެއްލުންހުރި އެއްޗެއް ނޫނެވެ. ނަމަވެސް ދުނިޔޭގެ ފަށަލާގައި ހުންނަންޖެހޭ ވަރަށް ވުރެ މާ ބޮޑަށް އިތުރުވުމުން ދުނިޔެ ހޫނުވުމަށް ވަރަށް ބޮޑަށް މަގުފަހިކުރުވައެވެ.
ގްރީންހައުސް ގޭސްތަކަކީ ގުދުރަތީގޮތުން އުފެދޭ އަދި އިންސާނުންވެސް އުފައްދާ ގޭސްތަކެކެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެން މިދައްކަނީ އަހަރެމެން އިންސާނުން އުފައްދާ ގޭސްތަކުގެ ވާހަކައެވެ. ފުރާޅާއި ފާރު ހެދުމާއި ފްރިޖާއި އެއާކޮންޑިޝަނުން ފިނިކުރުމާ ހަމައަށް އިންސާނުންގެ އެކި ހަރަކާތްތަކަށް ގްރީންހައުސް ގޭސް އުފައްދައެވެ. ގްރީންހައުސް ގޭސްތަކުގެ ތެރޭގައި މިގޮތުން ފިނިކުރާ ނިޒާމްތަކުގައި މައިގަނޑުގޮތެއްގައި މިހާރު ބޭނުންކުރާ ހައިޑްރޯފްލޫރޯކާބަން (އެޗްއެފްސީ) އަކީވެސް އިންސާނުން އީޖާދުކުރި ގްރީންހައުސް ގޭސްތަކެކެވެ.
މިހުރިހާ ކަމަކުންވެސް އެނގި ހާމަވަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެން ދިރިއުޅޭ ދުނިޔޭގެ ފަށަލާގައި ހޫނު ތާށިވުމަށް ވަރަށް ބޮޑަށް މަގުފަހިކުރުވައެވެ.
އަބަދުވެސް މައްސަލަ ހައްލުކުރަންވާނީ އެ މައްސަލަ ފެށުނު ހިސާބުންނެވެ. އެއްވެސް މީހަކަށް ހޫނުން ސަލާމަތްވުމަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ފިނި ބުއިމަކަށް، އައިސްކްރީމަކަށް ނުވަތަ މަތީ ބީޓީޔޫ އެއާކޮންޑިޝަނުގެ ފިންޏަކަށް ނޫނެކޭ ނުބުނެވޭނެ އެވެ. މި ސަރވައިވަލް ކޫލިން ހެކްސްތަކަކީ ޙަޤީޤަތުގައި ދުނިޔެ ހޫނުވުމަށް މަގުފަހިކުރުވާ ކަންކަމެވެ. އެއީ މިހުރިހާ ކަމަކީވެސް ރެފްރިޖަރެންޓް ބޭނުންކޮށްގެން ކުރެވޭ ކަންތަކަށް ވީމައެވެ.
އެޗްއެފްސީ ފަދަ ރެފްރިޖަރެންޓަކީ އަޅުގަނޑުމެންނަށް ފިނިކަން އިހުސާސްކޮށް، ހޫނު މަތިން ކުޑައިރުކޮޅަކަށް ހަނދާން ނައްތާލުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެޗްއެފްސީ އަކީ ފިނިކުރާ ނިޒާމުގައި މުހިއްމު މާއްދާއަކަށް ވީ ނަމަވެސް މި ދުނިޔެ ހޫނުވުމަށް މަގުފަހިކުރުވާ އެއްޗެކެވެ. އާންމުކޮށް އެޗްއެފްސީ ހުންނަނީ އަހަރެމެންގެ ފްރިޖާއި އެއާކޮންޑިޝަންގައި ސަރވިސް ކުރުމަށް ބޭނުންކުރާ އެކި ސިލިންޑަރުތަކުގައެވެ.
ފިނިކުރުމުގެ ސިނާއަތުން އެޗްއެފްސީ އުފައްދައި، ބޭނުންކުރުމުގެ ސަބަބުން ގްރީންހައުސް ގޭސް ދުނިޔޭގެ ފަށަލާގައި އިތުރުވެއެވެ. ދުނިޔޭގެ ފަށަލައަށް ބޭރުވާ ސީއޯ2 ގެ 10 އިންސައްތަ ބޭރުކުރަނީ ފިނިކުރުމުގެ މަސައްކަތްތައްކުރާ ސިނާއަތުންނެވެ. މި އިންސައްތައަކީ އޭވިއޭޝަން ސިނާއަތަށް ވުރެވެސް މަތީގެ ޢަދަދެކެވެ.
އެހެންކަމުން އެޗްއެފްސީ ބޭނުންކުރާ ފްރިޖްތަކާއި އެއާކޮންޑިޝަނަށް ނޫނެކޭ ބުނެ، މުސްތަޤުބަލުގައި ގްލޯބަލް ވާރމިންގ ޕޮޓެންޝަލް ދަށް ނުވަތަ ޒީރޯ ގައި ހިމެނޭ ރިފްރިޖަރޭންޓް ބޭނުންކުރާ ފިނިކުރާ ނިޒާމްތައް ގަތުމަށް ސަމާލުކަންދިނުން މުހިންމެވެ. އަލަށް މިފަދަ ތަކެތި ގަތުމުގެ ވިސްނުމެއް ނެތްނަމަ، މިހާރު ހުރި އެއްޗެއް ރަނގަޅަށް ސާރވިސްކޮށް، އެޗްއެފްސީ ވައިގެ ތެރެއަށް ދޫކުރާ ގޮތަށް ލީކުވުމެއް ނުވާނެ ގޮތަށް ބެލެހެއްޓުމަކީ ކުރެވިދާނެ ކަންކަމެވެ. ގިނަ ޤައުމުތަކާއި ފިނިކުރާ ނިޒާމްތައް އުފައްދާ ކުންފުނިތަކުން އެޗްއެފްސީއާ ދުރަށް ބަދަލުވަމުންދާއިރު، އެޗްއެފްސީ ހިމެނޭ ފިނިކުރާ ނިޒާމްތަކަށް އޮތް ޑިމާންޑް ދަށްކުރުމަކީ މުހިންމުކަމެކެވެ.
އދ.ގެ ތިމާވެށީގެ ޕްރޮގްރާމް އިން ބުނާގޮތުން، މޮންޓްރިއަލް ޕްރޮޓޮކޯލްގެ ކިގާލީ އެމެންޑްމެންޓްގެ ދަށުން 2047 ވަނަ އަހަރުގެ ނިޔަލަށް އެޗްއެފްސީ ބޭނުންކުރުން %85 އަށް މަދުކުރެވިއްޖެނަމަ، 2100 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ފިނިހޫނުމިން 0.5 ޑިގްރީ ސެލްސިއަސް މައްޗަށް ދިއުން ހުއްޓުވޭނެއެވެ. މިކަމުގެ ސަބަބުން ދުނިޔެ ހޫނުވާ ނިސްބަތް މަދުކުރެވި އަންނަން އޮތް ޖީލުތަކަށް ދިރިއުޅެވޭނެ އަމާން ދުނިޔެއެއް ފޯރުކޮށްދެވޭނެއެވެ.