ޚަބަރު

ވަރލްޑް ސްކޮލަރސް ކަޕްގައި ވިލާ ހައި ސްކޫލަށް ފަޚުރުވެރި ވަނަތަކެއް!


ދަ ވަރލްޑް ސްކޮލަރސް ކަޕްގެ ގްލޯބަލް ރައުންޑް ސީނިއަރ ޑިވިޝަންގެ ޗެމްޕިއަންކަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް ލިބިއްޖެއެވެ.

ދަ ވަރލްޑް ސްކޮލަރސް ކަޕްގެ ގްލޯބަލް ރައުންޑް 2023 އޮތީ ޤަތަރުގެ ދޯހާގައި ހުންނަ ޤަތަރުގެ ނޭޝަނަލް ކޮންވެންޝަން ސެންޓަރ ގައި 2023 ޖޫން 22 އިން 27 އަށެވެ.

އޭޝިއާ، އެފްރިކާ، ޔޫރަޕް އަދި ގަލްފުގެ ގައުމުތައް ހިމެނޭގޮތުން 30 ގައުމަކުން ޖުމްލަ 1800 ވުރެ ގިނަ ކިޔަވާކުދިން މި ސްކޮލަރސް ކަޕްގައި ބައިވެރިވިއެވެ. އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން 12 ދަރިވަރުން ގްލޯބަލް ރައުންޑުގައި ބައިވެރިވިއެވެ.

ފަހުގެ ވިސްނުންތަކާއެކު ފަރުމާކޮށްފައިވާ ތަފާތު ވައްތަރުގެ ދިރާސީ ޙަރަކާތްތައް ހިމެނިގެން ހިންގި ޙަރަކާތްތަކުން ސީނިއަރ ޑިވިޝަނުގެ ޗެމްޕިއަން ޓީމުގެ މަޤާމު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ޓީމުން ހޯދިއިރު އެ ޓީމުގައި ހިމެނޭ ދަރިވަރުންނަކީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ގްރޭޑް 12ގައި ކިޔަވަމުންދާ ޢާއިޝަތު ރާޔާ ނިމާދު، ޢާއިޝަތު ކާޔާ ރިފާއީ އަދި ފާޓިމަތު ރައުމު މުޚުތާރުއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 1800 އަށްވުރެ ގިނަ ދަރިވަރުން ބައިވެރި އެކި އެކި ދިރާސީ މުބާރާތްތަކުން 26 ގޯލްޑް މެޑަލް އަދި 48 ސިލްވަރ މެޑަލް ހޯދާފައިވެއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ބައިވެރިވި 12 ދަރިވަރުންވެސް އެމެރިކާގެ ޔޭލް ޔުނިވަރސިޓީގައި އޮންނަ ޓޯރަނަމެންޓްސް އޮފް ޗެމްޕިއަންއަށް ކޮލިފައިވެފައިވާކަމަށާއި އެއީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް ލިބުނު ކާމިޔާބެއްކަމަށް އެ ސްކޫލުންވެސް ބުނެއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުން ވަރލްޑް ސްކޮލަރސް ކަޕްގެ ގްލޯބަލް ރައުންޑްއަށް ގޮސްފައި މިވަނީ ރާއްޖޭގައި އޮތް ރީޖަނަލް ރައުންޑުން ކޮލިފައިވެގެނެވެ. ދަރިވަރުންނާއެކު ދޯހާއަށް ވަޑައިގަތީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް ސަޢީދު އަޙުމަދާއި އިންގްލިސް ސަބްޖެކްޓް ޓީމް ލީޑް އާމިނަތު ޝައްފައެވެ.

ދަ ވަރލްޑް ސްކޮލަރސް ކަޕުގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލު ތަމްސީލު ކުރި ދަރިވަރުން އެނބުރި އައުމުން ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ.

ދަ ވަރލްޑް ސްކޮލަރސް ކަޕުގެ ގޮލޯބަލް ރައުންޑަކީ ދުނިޔެއަށް ދަރިވަރުން ލޯހުޅުވުމަށް، އެކި ބައްރުތަކުގެ ކުދީންނާ ބައްދަލުވެ ޅަފަތުގައި ރަޙުމަތްތެރިންގެ ބައިނަލް އަގުވާމީ ނެޓްވަރކެއް ޤާއިމުކުރުމަށް ލިބިގެންދާ އަގުހުރި ފުރުޞަތެއްކަމަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ބުނެއެވެ.