އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ފަރާތުން، މި މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ އައްޑޫސިޓީ ފޭދޫ ނޫކޮކާ ޝާތިފް ޢަލީއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ޝާތިފް ޢައްޔަނުކުރައްވާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނީޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުންކަމަށެވެ. ޝާތިފް މި މަޤާމަށް ޢައްޔަނުކޮށްފައިވަނީ ޖޫން 22 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އޭނާއަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ޕީ.ސީ.ބީގެ ރައީސް ޢާޞިމް މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ޕީ.ސީ.ބީއިން ވަނީ އެ ބޯޑުގެ ޤާނޫނާއި ކޯޕަރޭޓް ގަވަރނަންސް ކޯޑާއި ގުޅޭ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. އަދި ޕީ.ސީ.ބީއިން ކުރިއަށްގެންދިޔަ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފައިނޭންޝަލް އަދި ގަވަރނަންސް ރިވިއުތަކުން ފާހަގަވެފައިވާ ކަންކަން ޙިއްޞާކޮށް އެކަންކަން އިސްލާޙުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ކުންފުނި ހިންގުމުގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށް ޕީ.ސީ.ބީއިން ވިދާޅުވެއެވެ.
ޝާތިފް ޢަލީ ވަނީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަރސިޓީއިން މާސްޓަރ އޮފް މެނޭޖްމަންޓް ޙާޞިލުކުރައްވާފައެވެ. އެ ބޭފުޅާ މީގެ ކުރިން އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގެ ޑީންގެ މަޤާމާއި، ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިންގ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރކަމުގެ މަޤާމް ހިމެނެއެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރެއްވުމާއި ހަމައަށް އޭނާ ހުންނެވީ ވެމްކޯގެ ސަދާރން އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރގެ މަޤާމުގައެވެ.