ޚަބަރު

އަރުޙަމްގެ މަރުގެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމިއްޖެ


ކުއްލިއްޔާގެ އިރުން އޮންނަ ލޯރެންޒް ޕާރކްތެރޭގައި މަރާލާފައި އޮއްވައި ފެނުނު ދަރުމަވަންތަ ސްކޫލްގެ ދަރިވަރު އަޙުމަދު އަރުޙަމްގެ މަރުގެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުން ނިންމަވާލައްވައިފިއެވެ.

މި މައްސަލާގައި ދައުލަތުން ދަޢުވާކުރައްވަނީ ލ. މާވަށް އެވަރބްލޫ އަޙުމަދު ވިސާމާއި އެރަށު އަސާރީގޭ މަންސޫރް ޔޫސުފާއި މއ. ސީނަރީވިއު ޢަތީފް ރަޝީދުގެ އިތުރުން ގދ. ގައްދޫ ގުންޒަރު މުޙައްމަދު ސުފްޔާންގެ މައްޗަށެވެ. ދަރުމަވަންތަ ސްކޫލް ގްރޭޑް ނުވައެއްގައި ކިޔަވަމުން ދިޔަ ޢުމުރުން 14 އަހަރުގެ ހއ. ހޯރަފުށީ ނޫރާނީގޭ އަޙުމަދު އަރުހަމް މަރާލާފައި އޮއްވާ ފެނުނީ 2012 ވަނައަހަރުގެ މޭމަހުގެ 29 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

2012 ވަނަ އަހަރު ފެއްޓެވި މި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައްވާފައިވާއިރު މި މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ 3 ފަހަރެއްގެ މަތިން ބަދަލުވެފައިވެއެވެ. މައްސަލައިގެ އަޑުއެހުންތައް ނިންމަވާލައްވަމުން މި މައްސަލަ މިހާރު ބައްލަވަމުން ގެންދަވާ ގާޒީ ވިދާޅުވީ މައްސަލަ ދިރާސާކުރެއްވުމަށްފަހު ޙުކުމްކުރައްވާނެ ދުވަހެއް ފަހުން ތާވަލްކުރައްވާނެކަމަށެވެ.

އަރުޙަމްގެ މަރުގެ މައްސަލާގައި އެނާގެ ހުރިހާ ވާރިސުންގެ ބުނެފައިވަނީ އަރުހަމުގެ ޤާތިލުންގެ ކިބައިން ބޭނުމީ މަރަށް މަރު ހިފުމަށްކަމަށެވެ.