ވިޔަފާރި

އަޅާނުލާ ތިއްބާ ދިވެހިންގެ މާރުކޭޓްތަކުގެ ކޮންޓްރޯލް ބިދޭސީންނަށް!


  • ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓަކީ ރާއްޖޭގެ ސަގާފަތާއި ތާރީޚްވެސް ދައްކައިދޭ ތަނެއް

  • މިއަދު ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުން ފެންނަނީ ހުސް ބޭރު މީހުން

  • ސިޓީ ކައުންސިލުން އެދެވޭ ފިޔަވަޅެއް އަޅާފައެއް ނެތް

މިދިޔަ އަހަރު ރާއްޖޭގައި ބޯހިމެނުމަށްފަހު އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 515122 މީހުން ދިރިއުޅެއެވެ. އޭގެތެރެއިން ދިވެހިން އަދަދަކީ 382751އެވެ. ބާކީ 132371 މީހުން ނުވަތަ 26 ޕަސެންޓަކީ ބިދޭސީންނެވެ. މި އަދަދުތަކުންވެސް ހާމަވާ އެއް ކަމަކީ ރާއްޖޭގައި ބިދޭސީންގެ އަދަދު އިތުރުވަމުންދާކަމެވެ. މީގެތެރޭގައި ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ އަދަދުވެސް ގިނަ ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި ބިދޭސީން ގިނަވެ، އޭގެތެރޭގައިވެސް ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ކުރިމަތިވާ އިޖްތިމާއީ އަދި އިޤްތިޞާދީ މައްސަލަތަކުގެ ވާހަކަ ދައްކާތާ އެތައް އަހަރެއްވެއްޖެއެވެ. އެކަމަށް އެކަށީގެންވާ ހައްލުތަކެއް ނުލިބި ދިގުލައިގެން ދިއުމުން، ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އިތުރުވުމުން ދިމާވާ މައްސަލަތައްވެސް ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.

ބިދޭސީން މައްސަލަ ބޮޑުވެގެން ކުރިމަތިވާ އެކި އެކި މައްސަލަތަކުގެ ތެރެއިން، ރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބޭނެ ގިނަ ކަންތައްތަކެއްވެސް ފާހަގަވެއެވެ. އެގޮތުން ދިވެހިން ކުރާ ވިޔަފާރިތަކުގެ ތެރެއަށް އެމީހުން ވަދެ، ދިވެހިންނަށް ލިބެން އޮތް އާމްދަނީތައް ބިދޭސީން ދަނީ ހޯދަމުންނެވެ. މިކަމުގެ ވަކި ވިޔަފާރިތަކެއް ނޯންނައިރު، ދިވެހިންގެ އަމިއްލަވަންތަކަން ދައްކުވައިދޭ ވިޔަފާރިތަކުގައިވެސް ބިދޭސީންގެ ކޮންޓްރޯލް ވަނީ ގަދަކޮށްފައެވެ.

މާލޭގެ ބާޒާރުމަތީގައި މީގެ އެތައް އަހަރެއްކުރިން ޤާއިމްކޮށްގެން ހިންގަމުންދާ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓަކީ ދިވެހި އުފެއްދުންތައް ވިއްކުމަށް، ދިވެހިން ތިބޭ ތަނެކެވެ. މީގެ އަހަރުތަކެއް ކުރިން އެ ސަރަހައްދަށް ވިޔަފާރިކުރަންދާ މީހުންނާއި ބައްދަލުވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން، އެކި ތަކެތި ހިފައިގެން އެތަނަށް ވިއްކަން އަންނަ އެކި ރަށްރަށުގެ މީހުންނެވެ. ދަތުރުވެރިންގެ މާރުކޭޓަކީ ރަށްރަށުން ބޯޓުތަކާއި ދޯނި ފަހަރު މާލެ އަންނައިރު ގެންނަ ތަކެތި، ހާއްސަކޮށް ދަނޑުވެރިކަމުގެ ބާވަތްތަކާއި ރަށްރަށުން އުފައްދާ ތަކެތި ވިއްކުމަށް ދަތުރުވެރިންނަށް ހަދައިދިން މާރުކޭޓެކެވެ. އެތަނަށް އަންނަ ދަތުރުވެރިން އޭރު ބަލަނީ ރަށުން އަންނަ ދޯނި ފުރަންވާއިރަށް ދެވެން އޮންނަ އެންމެ ހޮޔޮ އަގެއްގައި ތަކެތި އަވަހަށް ވިއްކާ ހުސްކުރުމަށެވެ.

ލޯކަލް މާރުކޭޓަކީ ރަށްރަށުން މާލެ ގެންނަ ތަކެއްޗާއި މާލޭގައި ތައްޔާރުކުރާ ދިވެހި އުފެއްދުންތައް އަބަދުވެސް ލިބޭނެ ގޮތް މަގުފަހިކުރުމަށް ޤާއިމްކުރި މާރުކޭޓެކެެވެ. އެތަނުގައި ގޮޅިތައް ހަދައިގެން ވިޔަފާރިކުރަން ފެށިއިރު، ހުރިހާ ކަމެއް ކުރަނީވެސް ދިވެހިންނެވެ. އެހެންކަމުން ތަކެތީގެ އަގުތައް ކަނޑައެޅުމާއި އެތަނުގެ ކޮންޓްރޯލް އޮންނަނީ ދިވެހިންގެ އަތްމަތީގައެވެ.

ނަމަވެސް މިއަދު މާލޭގެ ބާޒާރު މައްޗަށް ބަލާލުމުން މުޅި މަންޒަރު ބަދަލުވެފައި އޮތް މިންވަރު ފެނިގެންދެއެވެ. ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތްތަނެކޭ ބުނެވިދާނެއެވެ. ނަމަވެސް އެތަނުގެ މުޅި ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތުގައެވެ.

ޤާނޫނުތަކާއި ޤަވާއިދުތައް ބުނާގޮތުން ވިޔަފާރިކުރާ ތަންތަނުގައި ވިއްކާ ވިޔަފާރިކޮށް، ފައިސާގެ މުއާމަލާތްތައްކުރަން ބިދޭސީންނަށް ނުތިބެވޭނެއެވެ. ނަމަވެސް ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި މިއަދު ސަތޭކައިން ގުނާލެވޭވަރަށް ހުރި ގޮޅިތަކުގައި ދިވެއްސަކު ފެންނަނީ މަދު ގޮޅިއަކުންނެވެ. މުޅި ތަނުގެ ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތްމަތީގައެވެ.

މިކަން ހިނގާގޮތަށް ބަލާއިރު، ރަށްރަށުން މާލެ ގެންނަ ދަނޑުވެރިކަމާއި އަމިއްލަ އެހެން ތަކެތި އުފެއްދުމުގެ މަސައްކަތުގައި އުޅެނީ ބިދޭސީންނެނެވެ. ހާއްސަކޮށް ދަނޑުވެރިކަމުގައެވެ. ބިދޭސީންގެ ކޮންޓްރޯލް އޮންނަ ދަނޑުތަކުގައި ހައްދާ ތަކެތި މާލެ ގެންނަން އަރުވަނީ ބިދޭސީން މަސައްކަތްކުރާ ދޯނި ނުވަތަ ބޯޓު ފަހަރަށެވެ. އަދި އެ ބޯޓުން މާލެ ގެންނަ ތަކެތި، ބާޒާރު މައްޗަށް ބޭލުމަށްފަހު އެ ވިއްކަނީވެސް ބިދޭސީންނަށެވެ. އެއަށްފަހު މާރުކޭޓު ގޮޅިތަކާއި މާލޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައިވާ ކުދިކުދި މާރުކޭޓްތަކުގެ ކޮންޓްރޯލް އޮންނަ ބިދޭސީންނަށް ރަށްރަށުން ގެންނަ ތަކެތި ވިއްކާލައެވެ. ދިވެހިންނަށް އެ ތަކެތި ވިއްކަން މި ތިބެނީ ގުޅިފައިވާ ބޮޑު ނެޓްވޯކެއްގައި އުޅޭ ބިދޭސީންތަކެކެވެ.

މިއީ ބަޔަކު ގުޅިގެން ކުރާކަމެއްކަން އެންމެ ބޮޑަށް ހާމަވަނީ، ހުރިހާ މާރުކޭޓުތަކެއްގައި އެއް އަގެއް ތަކެތި ވިއްކާތީއެވެ. މީގެކުރިން ދިވެހިން ގޮޅިތައް ހިންގިއިރު އަގުތައް ތަފާތުވެފައި، ކަސްޓަމަރު އެދުމުން އަގު ހެޔޮކޮށްދިނުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް މިއަދު އެފަދަ އެއްވެސް ކަމެއް ނުފެއެވެ. އެކަމުގެ ސަބަބުން ބޭރުން އިމްޕޯޓްކުރާ ތަކެއްޗަށްވުރެ، ރާއްޖޭގެ އުފެއްދުންތަކުގެ އަގުބޮޑެވެ.

ލޯކަލް މާރުކޭޓުންނާއި ދަތުރުވެރިންގެ މާރުކޭޓުން ޖުމްލަ 348 ގޮޅި ސިޓީ ކައުންސިލުން ވަނީ ދޫކޮށްފައެވެ. މިގޮޅިތައް ދިވެހިންގެ ނަމުގައި ހުއްޓަސް ހިންގަނީ ބިދޭސީންނެވެ. ގޮޅިތަކުގައި ގެންގުޅޭ އަތް ގާތްކޮށްދޭ މީހާގެ އިތުރުން ފައިސާއާހަވާލުވެ، ފައިސާގެ ކަންކަން ބެލެހެއްޓުމުގައިވެސް ތިބެނީ ބިދޭސީންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ސިޓީ ކައުންސިލުން ވިދާޅުވީ އެއްވެސް ގޮޅިއެއް ބިދޭސީއަކަށް ދޫކޮށްފައި ނުވާކަމަށެވެ. ސިޓީ ކައުންސިލްގެ 4 ވަނަދައުރު ފެށުނުއިރުވެސް މަރުކޭޓުގައި ބިދޭސީން އުޅޭ މައްސަލަ ސަމާލުކަމަށް ގެނެވި އެކަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

ކައުންސިލުން ވިދާޅުވީ ބިދޭސީން ގިނަވާ މައްސަލަ ހައްލުކުރުމަށް ކޮންމެ ގޮޅިއަކަށްވެސް ސިޓީ ކައުންސިލުން ފޮޓޯޖެހި ފާހެއް ދޫކޮށްފައިވާކަމަށެވެ. އަދި ފާސްނެތި އެއްވެސް ގޮޅިއެއްގައި ބިދޭސީން މަސައްކަތް ކުރާނަމަ ގޮޅީގެ ވެރިފަރާތް ޖޫރިމަނާ ކުރުމަށް ވަގުތުން ސްލިޕް ހަވާލުކުރުމަށް މާރުކޭޓުގައި މަސައްކަތްކުރާ ސްޕަވައިޒަރުންނަށް އަންގާފައިވާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން އެހެން ބުންޏަސް ކަންތައްތައް ހިނގަމުންދަނީ އެހެނެއް ނޫނެވެ.

މާރުކޭޓުގެ ގޮޅިތަކުގައި ތިބޭ ދިވެހީން ބުނަނީ އެތަނުގައި އުޅޭ ބިދޭސީންގެ ކަންކަން ބަލާނެ މީހެއް ނެތްކަމަށެވެ. އެމީހުން އެތަނުގައި ކޮންމެ ފަދަ އަމަލެއް ހިންގި ކަމުގައި ވިޔަސް އެކަންކަމާއި އަޅާލ؛ާނެ ޒިންމާވާނެ މީހެއް ނެތްކަމަށެވެ.

މާރުކޭޓުގައި އުޅޭ މީހުން ބުނާގޮތުން ސިޓީ ކައުންސިލުން މިކަންކަން ބަލަަމުން ނުދާކަމަށާއި، އަދި ފެނުނަސް އެކަންކަމާއި އަޅާނުލާކަމަށެވެ. ބައެއް މީހުން ބުނާގޮތުން ސިޓީ ކައުންސިލުން ގޮޅި ދިނުމުން ދިވެހީންވެސް ބަލަނީ ވީއެންމެ ބޮޑު އަގެއްގައި ގޮޅި ވިއްކާލެވޭތޯއެވެ. އަނެއްކޮޅުން މާރުކޭޓު ގޮޅީގަައި ސޭޓަކަށް އިންނާނެ ދިވެއްސަކު ނުލިބުމަކީވެސް ގޮޅި ހިންގާ ފަރާތަށް އޮންނަ ކަންބޮޑުވުމެކެވެ.

ކޮންމެއަކަސް ދިވެހިންގެ އަމިއްލަ ވަންތަކަން ދައްކައިދޭ ވިޔަފާރިތަކާއި މަސައްކަތްތައް ބިދޭސީންގެ އަތްމައްޗަށް ގޮސް ނިމެނީއެވެ. ލޯކަލް މާރުކޭޓުގެ އިތުރުން މަސް މާރުކޭޓުގައިވެސް ބިދޭސީންނެވެ. އަދި މަސް ދޯނިތަކުންވެސް ފެންނަނީ ބިދޭސީންނެވެ. އެ މީހުން މިއަދު ރާއްޖޭގައި ނުކުރާ ކަމެއް ނެތޭ ބުނެވިދާނެއެވެ. ސަރުކާރު އޮފީސްތަކާއި އިދާރާތަކުގައި ހުންނަ ޤައުމީ ދިދަވެސް ކޮންމެ ދުވަހަކު ނެގުމާއި ތިރިކުރުންވެސް އޮންނަނީ ބިދޭސީންނާއި ހަވާލުކޮށްފައެވެ.

ބައެއް ދިވެހިން ވާހަކަ ދައްކާއިރު އެހެން ބައެއްގެ އަޅުވެތިކަމުގެ ދަށަށް ދިއުމާއި ދެކޮޅު މިންވަރު ހާމަވެއެވެ. އަދި އެއީ ދިވެހިން ޤަބޫލުކުރާނެ ކަމެއްވެސް ނޫނެެވެ. ނަމަވެސް މިއަދުގެ ހަޤީގަތަށް ރަނގަަޅަށް ބަލާނަމަ އަޅުގަނޑުމެން މިތިބީ ފާޑެއްގެ އަޅުވެތިކަމެއްގެ ތެރޭގައޭ ބުނެވިދާނެއެވެ. ޤައުމުގެ އިޤްތިޞާދު ހިންގުމަށް ބޭނުންވާ ދިވެހި މަސައްކަތްތެރިން ރާއްޖޭގައި ނެތުމުން ހުރިހާ ކަމެއް ބިދޭސީންނަށް ދޫކޮށްލައިގެން އަޅުގަނޑުމެން މިތިބީ އަޅާނުލައެވެ. ޤައުމެއްގެ އިޤްތިޞާދު އެއްވެސް އުސޫލެއް، ހަމައެއް ނެތި ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ އެ ޤައުމުގެ މިިނިވަންކަމުގެ ތަޅުދަނޑި ހަވާލުކުރުންފަދަ ނުރައްކާތެރިކަމެއްކަމަށް އިލްމީ ބޭފުޅުން ޤަބޫލުކުރައްވައެވެ. ނަމަވެސް މިިކަމާއި އެއްވެސް ބަޔަކު އަޅާނުލާ ތިއްބާ ބިދޭސީން ދެން ހަވާލުވާނީ މި ޤައުމުގެ ކޮން މަސައްކަތެއް ކުރަންކަމެއްވެސް ނޭނގެއެވެ. ސިޔާސީ ކަންކަމުގައި އުޅޭނެ ދިވެހިން ގިނަކަމުން އެކަމުގައި ބިދޭސީ މީހަކު ހަރަކާތްތެެރިވާ މަންޒަރެއް ނުފެނެއެވެ. ނަމަވެސް މާދަމާވާނެ ގޮތެއް ނޭނގެއެވެ. އޭގެކުރިން މިއީ އެންމެން އެކައްޗެއް ކިޔައިގެން ހައްލުކުރަންޖެހިފައި އޮތް ޤައުމީ މައްސަލައެކެވެ.