ޚަބަރު

އަންނަ ހަފްތާގައި ހުވަދޫގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީ


  • ހުވަދޫ އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް މިމަހު 13 ގައި ފަށާނެ

  • އަޖުމަ ބެލުމުގެ ގޮތުން ކުރާ ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެ

  • އަގުނަގައިގެން ޚިދުމަތް ދޭން ފަށާނީ މިމަހުގެ 20 ވަނަ ދުވަހު

  • އާރްޓީއެލްއާއެކު ކުޑަ އަގެއްގައި އެއްރަށުން އަނެއް ރަށަށް އަވަސްކަމާއި ފަސޭހަކަމާއެކު

އަންނަ ބުރާސްފަތިދުވަހު ހުވަދުއަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

ހުވަދޫ އަތޮޅުގައި އާރުޓީއެލްގެ ފެރީ ޚިދުމަތް ފަށަން ތައްޔާރުވުމުގެ ގޮތުން މިއަދު ވަނީ އެ އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތްދޭން ބޭނުންވާ ލޯންޗުތައް ފޮނުވާލާފައެވެ.

އެމް.ޓީ.ސީ.ސީން ބުނީ ހުވަދޫ އަތޮޅުގައި މިމަހުގެ 13 ވަނަ ދުވަހު އާރުޓީއެލްގެ ޚިދުމަތް ފަށާއިރު އަގެއް ނުނަގާނެކަމަށާއި، ފުރަތަމަ ކުރިއަށްދާނީ އަޖުމަ ބެލުމުގެ ދަތުރުތައްކަމަށެވެ. އަދި އަގު ނަގައިގެން ރަސްމީކޮށް އާރުޓީއެލްގެ ޚިދުމަތް ދޭން ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުކަމަށްވެސް އެމް.ޓީ.ސީ.ސީން ބުނެއެވެ.

ފެރީތައް ހުވަދުއަތޮޅަށް ފޮނުވުމަށް، ހުޅުމާލޭ ފެރީޓާމިނަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވީ، ހުވަދޫ އަތޮޅުގައި ދުއްވާ އާރުޓީއެލް ފެރީތައް އޮޕަރޭޓްކުރަން 80 މުވައްޒަފުން އެ އަތޮޅުން ނަގައިގެން ތަމްރީންކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.

ހުވަދޫގައި އާރުޓީއެލް ޚިދުމަތް ފެށުމަށް 6 ފެރީ އެ އަތޮޅަށް ފޮނުވާފައިވާއިރު، ކުރިއަށް އޮތްތަނުގައި އިތުރު ފެރީތައް އެ އަތޮޅަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އާރުޓީއެލް ޚިދުމަތްދިނުމަށް 10 ފެރީއެއް އެއަތޮޅުގައި ހަރަކާތްތެރިވާނެއެވެ. މި ޚިދުމަތުގައި ބޭނުންކުރަމުންދަނީ ދުވެލި އަވަސް، ޒަމާނީ އަދި ރައްޔިތުންނަށްވެސް ފަސޭހަވާނެހެން ފަރުމާކޮށް ބަނދެފައިވާ ޚާއްސަ އުޅަނދުތަކެކެވެ.

ހުވަދުއަތޮޅަކީ އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާ 5 ވަނަ އަތޮޅެވެ. މީގެކުރިން ހއ، ހދ، ށ އަދި ޅ އަތޮޅުގައި ވަނީ އާރުޓީއެލްގެ ޚިދުމަތް ފަށާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމެވެ.

ފެރީގެ ޚިދުމަތް ދޭން ފެށިތާ އަހަރެއްވީއިރު، 260000 އަށްވުރެ ގިނަ މީހުން ވަނީ ޚިދުމަތް ހޯދާފައެވެ. ފެރީ ނިޒާމުގެ ސަބަބުން މީގެކުރިން އެކެހެރިވެފައިވާ އެތައް ރަށަކަށް ދިޔުމުގައި ފަސޭހަތަކެއްވަނީ ލިބިފައެވެ. ހަމައެއާއެކު ބޮޑު ހޭދައެއްކޮށްގެން ސިއްޙީ ޚިދުމަތް ހޯދުމަށް އަތޮޅުތެރޭގެ ރަށްރަށަށް ކުރި ދަތުރުތައް ކުޑަ އަގެއްގައި ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ކުރެވޭނެ މަގު މިހާރު ވަނީ ފަހިވެގެންގޮސްފައެވެ.