ޚަބަރު

"ތާނަވާ"ގެ ނަމުގައި ބީސީސީން އަދަބީ ކާނިވަލެއް ބާއްވަނީ


  • ކާނިވާ ކުރިއަށްދާނީ މިމަހު 20 އިން 21 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި

  • ދިވެހި އަދަބީ އުފެއްދުންތައް ގަންނަން ލިބޭނެ

  • ބަހާއި އަދަބިއްޔާތާގުޅޭ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ

  • ސްޓޯލްތައް ބައިވެރިވުކުރުމުގެ ފުރުޞަތު މިމަހު 16 އާއި ހަމައަށް

ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން، ބީ.ސީ.ސީން އިސްނަގައިގެން އަންނަ ހަފްތާ ބަންދާއި ދިމާކޮށް އަދަބީ ކާނިވަލެއް ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.

"ތަނަވާ ކާނިވަލް" ނަމުގައި ބާއްވާ މި ހަރަކާތަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މިފަދަ އަދަބީ ކާނިވަލެވެ. މި ކާނިވަލަކީ ފޮހެވެމުދާ އަހަރުމެންގެ ދިވެހި ސަޤާފަތާއި އަދަބިއްޔާތު ދިރުވާ އާލާކުރުމުގެ ގޮތުން ބާއްވާ ކާނިވަލެކެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީ.ސީ.ސީ އިން އިސްނަގައިގެން ކުރިއަށްގެންދާ މި ކާނިވަލަކީ ލިޔުންތެރިކަމާއި ދިވެހި އަދަބިއްޔާތުގެ އެކި ފަންނުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަސައްކަތުގެ ހުނަރާއި، ދިވެހި އުފެއްދުންތައް އެއްތަނަކުން ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ކާނިވަލް އޮންނާނީ މިމަހުގެ 20 އިން 21 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.


ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީ.ސީ.ސީގެ ޗީފް ކޮމާޝަލް އޮފިސަރ ސާމިޙު ޢާދަމް ވިދާޅުވީ، ވިޔަފާރިތަކުގެ ތެރެއިންވެސް ބަހާއި އަދަބިއްޔާތުގެ އެކި އުފެންދުންތަކަށް މާކެޓް ހޯދައިދީ ކުރިއެރުވުމަކީ މާބޮޑު ސަމާލުކަމެއް ނުދެވިއޮތް ދާއިރާއެއްކަމުން، މިފަންނުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ބީސީސީން އިތުރު ފުރުޞަތުތައް ފަހިކޮށްދޭން ބޭނުންވާކަމަށެވެ. އަދި މި އަދަބީ ކާނިވަލީ އިކޮނޮމިކް މިނިސްޓަރގެ ޚާއްސަ އިސްނެންގެވުމަކާއެކު ކުރިއަށްގެންދާ ވަރަށް ތަފާތު ހަރަކާތެއްކަމަށްވެސް ސާމިޙު ވިދާޅުވިއެވެ.

"މި ކާނިވާ ޚާއްސަކުރަނީ ހަމައެކަނި ލިޔުންތެރިންނަށް އެކަންޏެއްނޫން. މި ދާއިރާގައި ނުވަތަ އަދަބިއްޔާތަށް ޚިދުމަތްކުރައްވާ އެކި ފަންނުގެ ބޭފުޅުން އެއްތާކަށް ޖަމާވެ، ބޮޑު އަބަދީ ޢީދެއްގެ ގޮތުގައި ފާހަގަކުރުން ބޭނުމަކީ. މައިގަނޑު ދެ ބޭނުމެއް އޮތީ. އެއީ އަޅުގަނޑުމެންގެ ސަޤާފަތް އަދަބިއްޔާތު ދިރުވާ އަލާކުރުން. މީގެ އިތުރުން އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި މިއިން ކޮންމެ ފަންނަކީވެސް ނުވަތަ ކޮންމެ ދާއިރާއަކީވެސް އޭގައި ވިޔަފާރި އެކުލެވިގެން ނޫންގޮތަކަށް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްދާނެ ދާއިރާތަކެއްނޫން. އެހެންވީމަ ލިޔުންތެރިންނަށްވެސް ނުވަތަ އަދަބީ ކަންކަމުގައި އުޅުއްވާ ބޭފުޅުންނަށްވެސް އާމްދަނީއެއްގެގޮތުގައި މިކަން ކުރެވި ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްވާންޖެހޭނެ. އެހެންވީމަ އެބޭނުމުގައި ބޭއްވޭ ކާނިވަލެއް މިއީ" ސާމީޙު ވިދާޅުވިއެވެ.

ދެ ދުވަހަކަށް ކުރިއަށްގެންދާ މި ކާނިވަލުގައި ދިވެހި ލިޔުންތެރިންގެ އެކިއެކި އުފެއްދުންތައް ގަންނަން ލިބުމުގެ އިތުރުން ތަފާތު އަދަބީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ބީ.ސީ.ސީއިން ވިދާޅުވެއެވެ.

އެގޮތުން އަދަބިއްޔާތާއި ގުޅުންހުރި ތަފާތު އެކި މަޢުޞޫއުތަކަށް ޚާއްސަ ޕެނަލް ޑިސްކަޝަންތަކާއި، ބަހުސްކުރުމާއި، ޅެމާއި ބައިތުބާޒީ މުބާރާތް ކާނިވަލުގެ ތެރެއިން ކުރިއަށްދާނެއެވެ. އަދި ދިވެހި އަތުލިޔުމަށް ޚާއްސަ ހަރަކާތެއްވެސް މި ކާނިވަލުގައި ކުރިއަށްދާނެކަމަށް ބީ.ސީ.ސީއިން ވިދާޅުވެއެވެ.

މި ކާނިވާ އިންތިޒާމްކުރަނީ ދިވެހި ބަހުގެ އެކެޑަމީއާއި ބަހާއި އަދަބިއްޔާތަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުގެވެސް ބައިވެރިވުމާއެކުގައިކަމަށް ބީ.ސީ.ސީން ވިދާޅުވެއެވެ.

"ތާނަވާ" ކާނިވަލުގައި ސްޓޯލްތައް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި މި ކާނިވަލާއި ބެހޭ އިތުރު މަޢުލޫމާތު ބީ.ސީ.ސީގެ ފޭސްބުކް ޕޭޖާއި ޓުވިޓާ ފަދަ ޕްލެޓްފޯމްތަކުން ލިބެން ހުންނާނެކަމަށްވެސް އެ ކޯރޕަރޭޝަނުން ބުނެއެވެ.