ކުޅިވަރު

އައިއޯއައިޖީ 2023: ރާއްޖޭގެ ޓީޓީ ސްކޮޑުގައި މި ފަހަރު 12 ކުޅުންތެރިން


އަންނަ މަހު މަޑަގަސްކަރައިގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ ޓޭބަލް ޓެނިސް ސްކޮޑް 12 ކުޅުންތެރިންނާއެކު އިޢުލާންކޮށްފިއެވެ.

ރާއްޖެއިން މި ފަހަރުގެ އައިއޯއައިޖީގައި ވާދަކުރާ ސްކޮޑުގައި ހިމެނެނީ ފިރިހެން ހަ ކުޅުންތެރިންނާއި އަންހެން ހަ ކުޅުންތެރިންނެވެ. މީގެ ތެރޭގައި އެންމެފަހުން ބޭއްވި އައިއޯއައިޖީގައި ފެނިގެންދިޔަ ކުޅުންތެރިންވެސް ހިމެނެއެވެ.

ރާއްޖޭގެ ޓީމުގައި ހިމެނޭ ފިރިހެން ކުޅުންތެރިންނަކީ މުޙައްމަދު ޝައްފާން އިސްމާއީލާއި, މޫސާ މުންސިފް އަޙްމަދާއި، މުޙައްމަދު ޒީސްތު ނަސީމާއި، އަޚްޔާރު އަޙްމަދާއި، އަޙްމަދު ތާބިން ޝުޖާއު އަދި ޒީކް ހަސަން ލަތީފެވެ. އަންހެން ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ އާއި، އައިޝަތު ރަފާ ނާޒިމާއި، މިޝްކާ މުޙައްމަދު އިބްރާހީމާއި، ލައިސާ ފަތުހުﷲ އާއި، ފާތިމަތު ޖުމާނާ ނިމާލް އަދި އައިމިނަތު ޝިއުރާ ޝަރީފެވެ.

ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީޓީ ޓީމުގެ ކުޅުންތެރިން ވަނީ ސަރުކާރުގެ އެހީތެރިކަމާއެކު ކްރޮއޭޝިއާ އާއި އިންޑިއާގައި ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. އަދި ދުނިޔޭގެ ވަރުގަދަ ކުޅުންތެރިން ރާއްޖެ ގެނެސް ޓީމާއެކު ފަރިތަކުރުންތަކުގެ ސެޝަންތަކެއްވެސް ކުރިޔަށްގެންދިޔައެވެ.

ކުޅުންތެރިންގެ އިތުރުން މި ފަހަރުގެ ގޭމްސްގައި އަމްޕަޔަރުންގެ ގޮތުގައި ރާއްޖެއިން ދެ އަމްޕަޔަރުން ބައިވެރިވާނެއެވެ. އަމްޕަޔަރުންގެ ގޮތުގައި ބައިވެރިވަނީ އައްޒާމް އިބްރާހީމް އަދި މުޙައްމަދު ޔާމީނެވެ. މީގެއިތުރުން ޔޫތު ކޭމްޕުގައި ޓީޓީން ރާއްޖޭގައި ބައިވެރިވާ ދެ ޒުވާން ކުޅުންތެރިންނަކީ އައުން އިބްރާހިމް ލަތީފާއި، މިންހާ މަހުޖޫބް ޝުޖާއުއެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގައި ރާއްޖޭގެ ޓީޓީ ކުޅުންތެރިން ވަނީ ތިން ރަން މެޑެލް ހޯދާފައެވެ. ރާއްޖެއިން މެޑެލް ހޯދާފައިވަނީ ޓީމު އިވެންޓާއި، އަންހެން ޑަބަލްސް އަދި ސިންގަލްސް އިވެންޓުގައެވެ. މީގެއިތުރުން ރިހި މެޑެލްވެސް ވަނީ ހޯދާފައެވެ.