ޚަބަރު

ކޮންމެ ރަށަކަށްވެސް ޚާއްޞަ ތަރައްޤީގެ އީއައިއޭ ރިޕޯޓެއް އޮތުން މުހިންމު: ނަޢީމް


  • މިއަހަރު ގިނަ ޢަދަދެއްގެ އީ.އައި.އޭ ރިޕޯޓް ހުށަހެޅިފައިވޭ

  • ގިނަ ރިޕޯޓްތައް ފުރިހަމަނުވުމަކީ އީ.ޕީ.އޭގެ ކަންބޮޑުވުމެއް

  • އެކަށީގެންވާ ވަގުތު ރިޕޯޓްތައް ހެދުމަށް ދޭންޖެހޭ

  • ވަކިވަކި މަޝްރޫޢުތަކުގެ ބަދަލުގައި ކޮންމެ ރަށަކަށް ޚާއްސަ އީ.އައި.އޭއެއް ހެދުން ބުއްދިވެރި

ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ކޮންމެ ރަށަކަށްވެސް ޚާއްސަކޮށްގެން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމެންޓް، އީ.އައި.އޭ ރިޕޯޓެއް ހެދުން މުހިންމުކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތިމާވެއްޓަށް ފާހަގަކުރެވޭފަދަ ބަދަލެއް އަތުވެދާނެ އެއްވެސް މަޝްރޫޢެއް ހިންގުމުގެ ކުރިން ހަދަންޖެހޭ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމުގެ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، ހިންގާ ބެލެހެއްޓުމަކީ އީ.ޕީ.އޭއިން ޚާއްސަ އިސްކަމެއްދެއްވައިގެން ކުރިއަށްގެންދާ މަސައްކަތަކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، މިފަދަ މަޝްރޫޢުތައް ހިންގުމުގެ ކުރިން، އެ މަޝްރޫޢެއްގެ ސަބަބުން އެތަނެއްގެ ވަށައިގެންވާ ވެއްޓާއި ދިރުންތަކަށް ލިބިދާނެ ގެއްލުންތައް ދެނެގަނެ، އެ ގެއްލުންތައް ވީހާވެސް ކުޑަވާނެފަދަ ގޮތަކަށް މަޝްރޫޢުތައް ހިންގުމުގެ ހުއްދަ އީ.ޕީ.އޭއިން ދެއްވަނީ އެކަމަށް ޚާއްސަކޮށްގެން ތައްޔާރުކުރާ އީ.އައި.އޭ ރިޕޯޓަށް ބެލުމަށްފަހުގައެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އީ.ޕީ.އޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ، ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އެކި މަރުހަލާތަކުގައި ކުރިއަށްދާއިރު، ވަކިން ޚާއްސަކޮށް މިއަހަރު އެ އެޖެންސީއަށް ހުށަހެޅޭ އީ.އައި.އޭ ރިޕޯޓްތަކުގެ ޢަދަދު ބޮޑުތަނުން އިތުރުވެފައިވާކަމަށެވެ. ނަމަވެސް މިފަދަ ރިޕޯޓްތަކާއެކު އީ.ޕީ.އޭގެ ކަންބޮޑުވުމެއްވެސް އެބައޮތެވެ.

އެއީ ހަދަންޖެހޭ ދިރާސާތައް އެންމެ ފުރިހަމައަށް ނުހަދާ، ނުވަތަ މަޢުލޫމާތު އެންމެ ފުރިހަމަނޫން ގިނަ ރިޕޯޓްތަކެއްވެސް މީގެ ތެރޭގައި ހިމެނުމެވެ.

މިހެންވުމުގެ ސަބަބުން މަޝްރޫޢުތަކުގެ މުއްދަތު ދިގުލައިގެން ގޮސް، މަޝްރޫޢު އެވޯޑްކުރާ ފަރާތާއި އެވޯޑްކުރެވޭ ފަރާތަށްވެސް މާލީގޮތުން އިތުރު ބުރައެއް އުފުލަންޖެހޭކަން ނަޢީމް ފާހަގަކުރެއްވިއެވެ.

"ރިޕޯޓްތައް ފުރިހަމަކޮށްނޫން ގިނަ ފަހަރަށް ހުށަހެޅިފައި މި ހުންނަނީ. ހަމަކޮންމެ ރިޕޯޓެއް ކަހަލަގޮތަކަށް ދެތިން ހަތަރު ފަހަރު ރަނގަޅުކުރުމަށްޓަކާ، މަދުވާ މަޢުލޫމާތުތަކާއި އަދި ރަނގަޅުކުރަންޖެހޭ މަޢުލޫމާތުތައް ރަނގަޅުކުރުމަށްޓަކާ ފޮނުވޭ. ރިޕޯޓްތައް މިހެން މި ހުންނަނީ ހަޤީޤަތުގައި ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރިޕޯޓްތައް ހަދަންޖެހިގެން ކޮންސަލްޓެންޓުންނަށްވެސް އެކަށީގެންވާ ވަގުތުނުވޭ. އީ.އައި.އޭ ރިޕޯޓު ޙަޤީޤަތުގައި ރަނގަޅަށް ހަދަންޏާ އެކަށީގެންވާވަރެއްގެ ދިރާސާއެއްވެސް އެ ސަރަޙައްދެއްގައި ކުރެވިފައި އޮންނަންވާނީ" ނަޢީމް ވިދާޅުވިއެވެ.

ނަޢީމް ވިދާޅުވީ، ތަރައްޤީގެ ކޮންމެ މަޝްރޫޢަކީވެސް އޭގެ ޒާތުގައި ތިމާވެއްޓަށް ބަދަލުތަކެއްއައިސް، އޭގެ ގެއްލުންތައް ކޮންމެވެސް ވަރަކަށް ލިބޭނެ މަޝްރޫޢުތަކެއްކަމަށެވެ. އެހެންނަމަވެސް މިފަދަ ރިޕޯޓްތައް ހެދުމުގެ އެންމެ މައިގަނޑު ބޭނުމަކީ އެ ލިބޭ ގެއްލުންތައް ވީހާވެސް ކުޑަކުރުމަށްޓަކާ އަޅާނެ ފިޔަވަޅުތައް ބެލުމާއި، ޕްރޮޖެކްޓް ފެށުމުގެ ކުރިން އެތަނުގެ ތިމާވެށީގެ ޙާލަތު އޮތީ ކިހިނެއްތޯއާއި، ޕްރޮޖެކްޓް ހިންގުމަށްފަހު އަންނަނީ ކޮންކަހަލަ ބަދަލުތަކެއްތޯ ދެނެގަތުންކަމަށެވެ. އަދި މިއީ އެކަށީގެންވާ ވަގުތު ދެވިގެން ކުރަންޖެހޭ މަސައްކަތްތަކެއްކަމަށްވެސް ނަޢީމް ފާހަގަކުރެއްވިއެވެ.

"ބޭސްލައިން ސްޓަޑީތަކާއި ޑޭޓާނެގުމުގައި އެކަށީގެންވާ ދުވަސްދޭންޖެހޭ. ދެ މޫސުމުގައިވެސް ހަޤީޤަތުގައި ބަލަންޖެހޭނެ އޮއިވަރާއި ދިޔަވަރަށް މި އަންނަ ބަދަލުތަކާއި ރަށްރަށު ވަށާ މި ހުންނަ ވެލިގަނޑު ދައުރުވަނީ ކިހިނެއްތޯއާއި މިކަންކަން ޙަޤީޤަތުގައި ބެލުމަށްފަހު ރިޕޯޓް ރަނގަޅަށް ހެދޭނީ. ކުޑަދުވަސްކޮޅެއްގައި ހަދާ ރިޕޯޓަކުން އެންމެ ފުރިހަމަ ނަތީޖާއެއް ނުވެސް ނިކުންނާނެ" ނަޢީމް ވިދާޅުވިއެވެ.

ނަޢީމް ވިދާޅުވީ، އީ.އައި.އޭ ރިޕޯޓްތަކާގުޅިގެން މި ދިމާވާ މައްސަލަތައް މަދުކުރުމަށްޓަކާ ޕްލޭނިންގ މަރުޙަލާގެ ކަންކަން މިހާރަށްވުރެ އަދިވެސް ހަރުދަނާކުރަންޖެހޭ ކަމަށެވެ. އަދި ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ ދުރުރާސްތާގެ ޕްލޭންތައް ހަދާ ކޮންމެ ރަށަކަށްވެސް ޚާއްސަ އީ.އައި.އޭއެއް ހެދުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު ކޮންމެ ކަމަކަށް އީ.އައި.އޭއެއް ހަދަން އެބަޖެހޭ. އެވަރަކަށް ތައްޔާރުވެވިފައެއްނޫން ހުންނަނީ. ނަރުދަމާއަށް އީ.އައި.އޭއެއް، ބަނދަރު ހަދަން އީ.އައި.އޭއެއް، މަގުހަދަން އީ.އައި.އޭއެއް، މިހެނެއްނޫން އަސްލު މިކަންކަން ކުރަންވާނީ. އަޅުގަނޑު ދެކޭގޮތުގައި އެހެން އީ.އައި.އޭތައް ހަދަންވީމާ އެއީ ވަރަށް ބޮޑު ޚަރަދަކަށްވަނީ. އަދި ވަރަށް ގިނަ ވަގުތުތަކެއްވެސް ގެއްލޭ. އޭގެ ބަދަލުގައި ކޮންމެ ރަށެއްގައިވެސް ޑިވެލޮޕްމަންޓް އީ.އައި.އޭގެ ގޮތުގައި އެކަތި، ރިސޯޓުތައްވެސް އަޅުގަނޑުމެން މި ހަދަނީ އެންމެ އީ.އައި.އޭއެއް ހަދައިގެން. އެގޮތަށް އެހާވަރަށް ވަގުތު ހޯދައިގެން ތައްޔާރުވެލައިގެން ކުރަންޏާ އަޅުގަނޑުމެންގެ މަސައްކަތްތައްވެސް މަދުވެފައި، މަސައްކަތްތައް ރާވާ ފަރާތްތަކުގެ މަސައްކަތްތައްވެސް މަދުވެފައި ވަގުތު ލިބޭނެ" ނަޢީމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތިމާވެއްޓާބެހޭ ޤާނޫނު ތަންފީޒުކުރުމުގައި ކުރަންޖެހޭ މަސައްކަތް ކުރުމާއި، އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ރެގިއުލޭޝަން ތަންފީޒުކުރުމުގެ ޤާނޫނީ ޒިންމާ މަތިކުރެވިފައިވާ އިދާރާގެ ހައިޞިއްޔަތުން އީ.ޕީ.އޭއިން އަންނަނީ މިގޮތަށް ދޫކުރެވޭ އީ.އައި.އޭ ރިޕޯޓްތަކުގައި ފާހަގަކޮށްފައި ހުންނަ މިޓިގޭޝަން މެޝަރސް ނުވަތަ ގެއްލުން ކުޑަކުރުމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މަޝްރޫޢު ހިންގަމުންދާއިރު ތަންފީޒުވާ މިންވަރު ބަލަމުންނެވެ.

ހުއްދަ ދީފައިވާ ގޮތާއި ޚިލާފަށް މިއިން އެއްވެސް މަޝްރޫޢެއްގެ ކަމެއް ހިނގާކަން ފާހަގަކުރެވޭނަމަ، އެ މަޝްރޫޢު ހުއްޓުވާ އެ ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ އިޚްތިޔާރާއި ބާރު އީ.ޕީ.އޭއަށް ލިބިގެންވެއެވެ.