ޚަބަރު

އަހަރު ނިމުމުގެ ކުރިން ރަސްގެތީމުގެ ރައްޔިތުންނަށް ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް


  • ފެނާއި ނަރުދަމާ ޚިދުމަތް ދިނުމުގެ އެންމެ ފަހުގެ މަސައްކަތްތައް އަންނަނީ ކުރަމުން

  • އަހަރު ނިމުމުގެ ކުރިން ރައްޔިތުންނަށް ޚިދުމަތް ލިބޭނެ

  • ދަޢުލަތުގެ ބަޖެޓުން 24 މިލިޔަން ރުފިޔާ ޚަރަދުކުރޭ

އާބަދީގައި 500 މީހުންވެސް ހަމަނުވާ ރ. ރަސްގެތީމުގައިވެސް ސަރުކަރުން ގެންދަވަނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގަވަމުންނެވެ. ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތަކުން ފެށިގެން، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ކުޅިވަރުގެ ވަޞީލަތްތައްތަކާއި ރައްޔިތުން ބޭނުންވާ އެހެނިހެން ކަންތައްތައްވެސް ކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އާބާދީ ކިތަންމެ ކުޑަނަމަވެސް ރައްޔިތުންނަށް ބޭނުންވާ ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމަކީ ކޮންމެ ރަށަކަށްވެސް ބޭނުންވާނެ ނިޒާމެއްކަމުން މި ރަށުގައިވެސް އެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު ރަސްގެތީމުގައި މިހާރު ނިމިފައި ހުރި މަޝްރޫޢުތަކުގެ ބޭނުން ރައްޔިތުން އަންނަނީ ހިފަމުންނެވެ.

ރަސްގެތީމުގައި މިވަގުތުވެސް ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ހިންގަމުން އަންނައިރު މި މަޝްރޫޢުތަކުގެ ތެރެއިން ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެއް މަޝްރޫޢުއަކީ ރަށުގައި ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމު އެޅުމުގެ މަސައްކަތެވެ. 2019 ވަނަ އަހަރު ފެށި މި މަޝްރޫޢުގެ މަސައްކަތް ކޯވިޑްގެ ސަބަބުން މަޑުޖެހުންނަމަވެސް މިހާރު އެ މަސައްކަތް ވަނީ ނިމުމަކާ ގާތަށް ގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާގެ ވިޔުގާ އެޅުމުގެ މަސައްކަތާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަންތައް މިހާރު ވަނީ ޤާއިމްކޮށްފައެވެ. އަދި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބަހައްޓާ، ސީ އައުޓް ފޯލް އަލާ އިދާރީ އޮފީސްވެސް ވަނީ ޤާއިމްކޮށްފައެވެ.

މިހާރު ކުރިއަށްދަނީ ފެނާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްކަމަށް ކައުންސިލްގެ ރައީސް މުޙައްމަދު ފަޒީން ވިދާޅުވިއެވެ. ފަޒީން ވިދާޅުވީ، މިހާރު ކުރިއަށްދަނީ އެ ނިޒާމްގެ ޚިދުމަތް ދިނުމަށް ޤާއިމްކޮށްފައިވާ ސާމާނުތަކުގެ ޓެސްޓިން މަރުހަލާކަމަށެވެ.

"މިހާރު ކުރިއަށްދަނީ އާރްއޯ ޕްލާންޓް ޓެސްޓް ކުރުމުގެ މަސައްކަތާއި ތާންގިތަކަށް ފެންއަޅާ އެއްވެސް ލީކްއޭޖްއެއް އުޅޭތޯ ބެލިމުގެ މަސައްކަތް. އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި އޮތްގިތުން އަހަރު ނިމުމުގެ ކުރިން ރައްޔިތުންނަށް ޚިދުމަތް ލިބެން ފަށާނެ." ފަޒީން ވިދާޅުވިއެވެ.

ރައްކާތެރި ނަރުދަމާގެ ނިޒާމެއް ނެތުމުގެ ސަބަބުން މިހާތަނަށްވެސް ރަސްގެތީމުގެ ރައްޔިތުން ވަނީ ބޮޑެތި ތަކުލީފްތަކެއް އުފުލާފައެވެ. ޚާއްސަގޮތެއްގައި ގޭގެ ގޯތި ތެރެއާއި ރަށުތެރޭގައި ޖަންގްޝަންތައް ޤާއިމްކޮށް، ފެން ހިންދަން ޖެހުނު ދުވަސްތަކެއް އެރަށް ކުރިމަތިވިކަން ރައްޔިތުން ފާހަގަކުރިއެވެ. މިއާއެކު ގޯތިތެރެއިންވެސް އެކަމަށް ބޮޑު ޖާގައެއް ގެއްލެއެވެ.

ރަށުގައި ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ޤާއިމްކުރުމުން ރަށުގެ ރައްޔިތުން ތިބީ ހިތްހަމަޖެހިގެންނެވެ. ފެން ތަޢައްޔަރުވުމާއި ޖަންގްޝަންތައް ފުރިގެން ބަންޑުންވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެއެވެ.

"ކުރީގައި އަހަރުމެން މި ޖެހެނީ ގޯތިތެރޭގަ ޖަންގްޝަން ހަދާ ފެންހިންދަން. އެތަން ބެދޭއިރަށް ސާފުކުރަން އެބަޖެހޭ. އެއީ ބޮޑު ތަކުލީފެއް. އެހެންނަމަވެސް މިހާރު ނަރުދަމާ ނިޒާމްގެ މަސައްކަތްވެސް ނިމެނޭ. މިއީ މި ސަރުކާރުން އަޅުގަނޑުމްނެނަށް ކޮށްދެއްވި ވަރަށް ބޮޑު މަސައްކަތެއް." ރަށުން ވާހަކަދެއްކި ރައްޔިތަކު ބުންޏެވެ.

ދަޢުލަތުގެ ބަޖެޓުން 24 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ ރަސްގެތީމު ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ކޮށްފައިވަނީ މޯހަންމުތާ އެކްސްޕޯޓް ޕްރައިވެޓް ލިމިޓެޑާއި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާއެކު ޖޮއިންޓް ވެންޗަރ އުޞޫލުންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކޮށް ނިންމާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މިދައުރުގެ އެންމެ މުހިންމު އެއް ރިޔާސީ ވަޢުދެވެ. އެވަޢުދުގެ ދަށުން މިހާރު މި މަސައްކަތް ނުފަށާއޮތް މީހުން ދިރިއުޅޭ އެއްވެސް ރަށެއް ނެތެވެ.