ކުޅިވަރު

މެޑަލް ހޯދުމުގެ ވިސްނުން ނުގެންގުޅެ ކާމިޔާބެއް ނުވާނެ: މުޖޭ


މި މަހު މަޑަގަސްކަރައިގައި ފެށުމަށް ހަމަޖެހިފަވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑަލް ހޯދުމުގެ ވިސްނުން ނުގެންގުޅެ ކާމިޔާބެއް ނުލިބޭނެ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ.

ޓީވީއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަމުން މުޖޭ ވިދާޅުވީ އައިއޯއައިޖީއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އަންހެން ހޭންޑްބޯޅަ ޓީމަށާއި ފިރހެން ޓީމަށް ސުލޮވޭކިއާގެ ޓްރެއިނަރެއްގެ އެހީގައި ހާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދިޔަ ކަމެށެވެ. އަދި އެއް މަސް ދުވަހުގެ ފިޒިކަލް ތަމްރީނުތަކަށްފަހު ސާބިއާގެ ކޯޗުގެ އެހީތެރިކަމާއެކު ޓީމު ނެގުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ. މުޖޭ ވިދާޅުވީ ޤައުމީ ޓީމަށް ކުޅުންތެރިން ނެގިއިރު އިދާރީ ގޮތުންވެސް ވަރަށް ގިނަ މަސައްކަތްތެކެއް ކުރި ކަމަށާއި, އެގޮތުން ޤައުމީ ޓީމުގައި ނުހިމެނޭ ކުޅުންތެރިޔަކު ސުވާލުކޮށްފިނަމަ ލިޔުންމުން ޖަވާބުދާރީވެވޭ ވަރަށް މި ފަހަރު މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

ޤައުމީ ޓީމުން ފުރަތަމަ ފަހަރަށް ފިޒިކަލް ޓްރެއިނަރެއްގެ އެހީގައި ތަމްރީނު ކުރިއަށްގެންދިޔައިރު, އެ ތަމްރީނުތަކަށްފަހު ޓީމުން ތަފާތު ފާހަގަވެގެންދިޔަ ކަމަށް މުޖޭ ވިދާޅުވިއެވެ. އަދި ޤައުމީ އަންހެން ޓީމުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނުމަކީ ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ވިދާޅުވިއެވެ.

މުޖޭ ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ޤައުމީ އަންހެން ޓީމަށް ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސްއިން މެޑަލް ހޯދުން ކަމަށެވެ. އަދި ފިރެހެން ޓީމު އައިއޯއިޖީގައި މެޑަލް ހޯދުންވެސް އެއީ އަމާޒެއް ކަމަށްވެސް މުޖޭ ވިދާޅުވިއެވެ. އަދި މި ފަހަރުގެ ގޭމްސްގައި ވާދަކުރަން ޖެހޭނީ ވަރަށް ވަރުގަދަ ގައުމުތަކާ ދެކޮޅަށްކަން އެނގޭ ކަމަށާއި, ވަރުގަދަ މެޗުތަކަކަށް ފަހު ސައުތު އޭޝިއަން ގޭމްސްއާ ކުރިމަތިލުމަކީ ރަނގަޅު ފާލެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"
ގޭމްސްގައި ވާދަކުރާ ޤައުމުތަށް ވަރަށް ވަރުގަދަ، އަޅުގަނޑުމެންގެ ސިކުނޑިއަށް މެޑަލްގެ ވިސްނުމާ ފިކުރު ނުލައެއް އަޅުގަނޑުމެންނަށް އެކަމެއް ކާމިޔާބެއް ނުކުރެވޭނެ. އަޅުގަނޑުމެން ވިސްނަން ޖެހޭނެ މެޑަލްއަށޭ މިދަނީ.
އަޙްމަދު މުޖުތަބާ (މުޖޭ) - ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް

މި ވަގުތު ތައިލަންޑުގައި ތަމްރީން ހޯދަމުންދާ ޤައުމީ ޓީމާ ގުޅޭގޮތުން މުޖޭ ވިދާޅުވީ މި ތަމްރީނުގެ ތެރެއިން ތައިލަންޑުގެ ޤައުމީ ޓީމާއެކު މެޗެއް ކުޅޭނެ ކަމަށާއި، އަދި އިތުރު ވަރުގަދަ ޓީމުތަކާ ދެކޮޅަށްވެސް މެޗުތައް ރޭވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އުއްމީދަކީ އަވަސް މުސްތަގުބަލެއްގައި ރާއްޖޭގައި އިންޑޯ ކޯޓެއް ޤާއިމުކުރެވިގެންދ މަންޒަރު ފެނުން ކަމަށްވެސް ވިދާޅުވިއެވެ.