ޚަބަރު

ހުރިހާ ރަށެއް ހިމެނޭގޮތަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ބޮޑު ޕްލޭނެއް އެބައޮތް: ރައީސް


  • އަންނަ ދައުރުގައި މަސްތުވާތަކެތީގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ

  • މުޅި ރާއްޖެއަށް ތަންފީޒުކުރާ ޕްލޭނެއް ވަނީ އެކުލަވާލާފައި

ހުރިހާ ރަށެއް ހިމެނޭގޮތަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ބޮޑު ޕްލޭނެއް ކުރިއަށް ދައުރުގައި ތަންފީޒުކުރައްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ ނ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު ނ. މާޅެންދޫއަށް ވަޑައިގެން ބޭއްވި ކެމްޕޭން ޖަލްސާގައެވެ.

ރައީސް ސާލިހު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ މުޅި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށާއި މާޅެންދޫއަށްވެސް މަސްތުވާތަކެތީގެ މައްސަލަ ކުރިމަތިވެފައިވާކަމަށެވެ. އަދި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިނގަމުންދާ ކަމަށާއި މިކަމުގައި ކުޑަކުދިން ބޭނުންކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށްވެސް ރައީސް ސާލިހު ފާހަގަކުރެއްވިއެވެ،

ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ދެވަނަ ދައުރެއްގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ބޮޑު ޕްލޭނެއް އެބައޮތްކަމަށާއި، އެ ޕްލޭނާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

ރައީސް ސާލިހު ވަނީ ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ މާޅެންދޫއަށް ކޮށްދެއްވާނެ ބައެއް ކަންކަންވެސް އެ ރަށު ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ. އެގޮތުން މާޅެންދޫގެ ސިއްހީ މަރުކަޒުގައި ލެބޯރެޓަރީ ޤާއިމްކޮށް 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުކުރުމާއި މާޅެންދޫގައި އިތުރު ބަނދަރެއް އަޅައި، ވޮލީ ކޯޓެއް އަޅައިދެއްވާނެކަމަށް ވިދާޅުވިއެވެ.

ނ. މާޅެންދޫއަށްފަހު އެ އަތޮޅު ކުޑަފަރިއަށް ވަޑައިގެން ރައީސް ވަނީ ކުރިއަށް އޮތް ދައުރުގައި އެރަށަށްވެސް ކޮށްދޭނެ ކަންތައްތައް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ. އެގޮތުން އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށް ބޯހިޔާވަހިކަން ބޭނުން ބޭނުންވާ 200 އާއިލާ ރޯހައުސް އަޅާ ދޭނެކަމަށާއި އަދި އަމިއްލައަށް ގެދޮރު އަޅަން ބޭނުންވާ ފަރާތްތަކަށް 6 ޕަސަންޓްގެ ކުޑަ އިންޓްރެސްޓެއްގައި ލޯނު ލިބިގެންދާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.