ޚަބަރު

ރައްޔިތުން އެދޭ ފެންވަރެއްގައި މަސައްކަތްނުކުރެވޭނަމަ މަޖިލިސް މެންބަރުން ދުރުކުރާނަން: ފާރިސް


  • ރައްޔިތުން އެދޭ ފެންވަރަށް މަސައްކަތްނުކުރެވޭނަމަ މެނަބަރު ދުރުކުރެވޭނެ

  • ޕެޓިޝަންގެ ސޮއި ވަކިވަރަކށް ހަމަވާނަމަ އެކަން ކުރެވޭނެކަމަށް ވިދާޅުވި

  • މުއައްސަސާތައް ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި

މަޖިލިސް މެންބަރެއްގެ ހިދުމަތް ރައްޔިތުން އެދޭ ފެންވަރެއްގައި ނުކުރެވޭނަމަ، އެ މެމްބަރެއްގެ އިތުބާރު ނެއްކަމުގެ ވޯޓު ނަގަން ޕެޓިޝަނެއް ހުށައަޅައި، އޭނާ މަޤާމުން ދުރުކުރެވޭނެ އިންތިޒާމް ފަހިކޮށްދެއްވާނެކަމަށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ފާރިސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ފާރިސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ދައުރުގެ މެދުތެރެއިންވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ މެމްބަރެއްގެ ހިދުމަތް ރައްޔިތުން އެދޭ ފެންވަރެއްގައި ނުހިފެހެއްޓިޖެނަމަ އެ މެމްބަރެއްގެ އިތުބާރު ނެއްކަމުގެ ޕެޓިޝަނެއްހުށައަޅައި، އެ މެންބަރަކު ބަދަލު ކުރަން ހުށައެޅޭނެކަމަށެއެވެ. އަދި ވަކި އިންސައްތައެއް ލިބިއްޖެނަމަ އެ މެންބަރެއްގެ ގޮޑި ހުސްވެ ބައި އިލެކްޝަނަކަށް ހުޅުވާލެވޭނެގޮތަށް ކަނޑައަޅުއްވާނެކަމަށް ފާރިސް ވިދާޅުވިއެވެ. އެފަދަ ބަދަލެއް ގެނެވިއްޖެނަމަ މެންބަރުންގެ އުފެއްދުންތެރިކަމާއި މަސައްކަތްތައް ރަނގަޅުވާނެކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ގައުމެއްގެ ނުވަތަ ދައުލަތެއް ހިނގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނީ ވެރިކަން ކުރާ ބަޔަކަށް ނުވަތަ އެ ބާރުވެރިކަން އޮތް ބަޔަކަށެއެވެ. ނަމަވެސް މިހާރު ފެނިގެން މި ދަނީ ސިޔާސީ ބޭނުމުގައި ކަންކަން ނިމިގެންދާ ތަންކަމަށާއި ރައްޔިތުންގެ ހެވާ ލާބައައްވުރެއް ބޮޑައް ސިޔާސީ މަގްސަދު އިސްކުރާ މަންޒަރު ފެންނަކަމަށް ވިދާޅުވެ ފާރިސް ވަނީ ފާޑުވިދާޅުވެފައެވެ.

ފާރިސް ވިދާޅުވީ ގައުމެއް އިސްލާހު ކުރަން ބޭނުންވާނަމަ އެންމެ ފުރަތަމަ ފުރިހަމަ ސިޔާސަތެއް ކަނޑައެޅުން މުހިންމު ކަމަށެވެ. އެގޮތުން އެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ގާނޫނީ ފްރޭމް ވޯކް ހަރުދަނާކުރުމަކީވެސް މުހިންމު ކަމެއްކަމަށް ފާރިސް ވިދާޅުވިއެވެ.

"ނުރަނގަޅު ކަންކަން ބަދަލު ކުރެވޭނެ. މީގަޖެހޭނީ ހިކުމަތްތެރިކަމާއެކު މަސައްކަތް ކުރަން. ކެރުންތެރި ބައެއް ނިކުމެ އެ މަސައްކަތް ކުރަން އުޅުން. ދެން އެކަމުގައި ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން މަސައްކަތް ހުއްޓާނުލާ ކުރިއައް ދާނެ ބަޔަކު ބޭނުން ވަނީ. ދިވެހި ގައުމުގައި އެބަތިބި މި ހުރިހާ ސިފަތަކެއް ތިބި ބަޔަކު. އަޅުގަނޑުމެން މި ގައުމަށް ޕާޓީތައް ތައާރަފްކޮށް ޑިމޮކްރަސީ މި ގެނައީ ރައްޔިތުން ބާރުވެރިކުރުވަން." ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ސިޔާސަތުތައް ކަނޑައެޅުމުގެ އިތުރުން މުއައްސަސާތައް އިސްލާހު ކުރުމަކީވެސް ކުރުން މުހިންމު ކަމެއްކަމަށެއެވެ. މިހާރު ފެނިގެންދަނީ މުއައްސަސާތަތައް އެންމެ ރަނގަޅައް ނުހިނގާ އަދި ބާރުވެރި ނުކުރެވޭ މަންޒަރުކަމަށާއި، ސިޔާސަތު ކަނޑައަޅާ ގާނޫނުތައް އިސްލާހު ކުރަން ފެށުމުން މުއައްސަސާތައް އިސްލާހުކުރުމަށް ފަސޭހަވާނެކަމަށް ފާރިސް ވިދާޅުވިއެވެ. އެގޮތުން މިފަދަ ކަންކަން އިސްލާހުކޮށް ތަރުތީބު ކުރެވެން ފެށުމުން ދިވެހި ރައްޔިތުއްނަށް އެކަމުގެ ހެވާ ލަބާޔާ މަންފާ ލިބެނެކަމަށްވެސް ފާރިސް ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި އެކަންކަމަށް ޚައްސަ ސަމާލުކަމެއް ދެއްވާނެކަމަށްވެސް ފާރިސް މައުމޫން ވިދާޅުވިއެވެ.