ޚަބަރު

މީހުން މަދުވެގެން ބާޠިލުކުރި ފޮށިތަކަށް ރަޖިސްޓްރީކޮށްފައިވާ މީހުންނަށް އިތުރު ފުރުޞަތެއް


  • އަލުން ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 13 އަދި 14 ވަނަ ދުވަހު

  • 18 ރިސޯޓަކާއި، ތިލަފުށި އަދި ބޭރުގެ 4 ތަނެއްގައި ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވޭ

  • ރަޖިސްޓްރީވުމަށް ޕޯޓަލް މެދުވެރިކޮށްވެސް ހުށައެޅޭނެ

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވީ މީހުން މަދުވުން، ވޯޓު ފޮށި ނުބަހައްޓަން ނިންމެވި ތަންތަނުގައި ރަޖިސްޓްރީވެފައިވާ މީހުން އަލުން ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓު ލުމަށްޓަކައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ޢަދަދު ކަނޑައެޅިފައިވާ ޢަދަދަށް ވުރެއް މަދުވުމުން ވޯޓު ފޮށިތައް ނުބެހެއްޓުމަށް ނިންމައި އެ ފޮށިތަކަށް ރަޖިސްޓްރީވި މީހުންނަށް އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 13 އަދި 14 ވަނަ ދުވަހުގެ ހަވީރު 04:00 ޖެހުމާއި ހަމައަށްކަމަށެވެ. އެހެންކަމުން ވޯޓުފޮށި ބެހެއްޓޭކަން ކަށަވަރުވެފައިވާ ތަންތަނަށް އެފަރާތްތަކުން ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.


ވޯޓުލުމަށް ރަޖިސްތްރީވުމަށް ހުޅުވާލި ފުރުޞަތުގައި، ވޯޓު ފޮށު ބެހެއްޓޭ މިންވަރަށް ރަޖިސްޓްރީވެފައިނުވާ ތަންތަނުގެ ތެރޭގައި 18 ރިސޯޓަކާއި، ތިލަފުށި އަދި ރާއްޖެއިން ބޭރުގެ 4 ތަނެއް ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ނުބެހެއްޓުމަށް ނިންމާފައިވަނީ އިންޑިއާގެ ނިއުދިއްލީ، ސިންގަޕޫރު، ތައިލެންޑު އަދި ޖަޕާނުގެ ޓޯކިއޯގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިފުރުޞަތުގައި ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރެވޭނީ، ރަޖިސްޓްރޭޝަން ބާތިލުވި ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނަށް އެކަނި ކަމަށެވެ.

ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް، އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. މާލޭގައިނަމަ، އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ)އިންނެވެ. އަދި ރީ-ރަޖިސްޓަރީވުމަށް އެދޭ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެކަމަށްވެސް އީސީން ވިދާޅުވިއެވެ.

އީސީއިން ވިދާޅުވީ ރާއްޖެއިން ބޭރުގައިނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރު ގައުމުތަކުގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް އޮފިސްތަކުންނާއި ހައިކޮމިޝަންތައް އަދި އެމްބަސީތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު އެގައުމެއްގެ ގަޑިން ހެނދުނު 10:00 އިން މެނދުރުފަހު 3:00 އަށް ކަމަށެއެވެ.