ޚަބަރު

ފެނާއި ކަރަންޓާއި ކާޑުގެ އަގު ހެޔޮކުރާނަން: ފާރިސް


  • ފާރިސްގެ މެނިފެސްޓޯގައި ކުށްކުރާ މީހުން އިޞްލާހުކޮށް އަނބުރާ މުޖުތަމަޢުއަށް ނެރުން ހިމެނޭ

  • ޓެކްސްގެ ނިޒާމަށް ބަދަލުގެނެސް ލުއިފަސޭހަކުރުމަށް ސިޔާސަތު ހިމަނާފައިވޭ

  • ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ކަނޑައަޅާފައިވޭ

ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ޚަރަދުތަކަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުން، ހޯދުމަށް ފެނާއި ކަރަންޓު އަދި ކާޑުގެ ބާވައްތައްތަކުގެ އަގު ހެޔޮ ކުރައްވާނެކަމަށް، ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އަހްމަދު ފާރިސް މައުމޫންގެ މެނިފެސްޓޯގައި ހިމަނުއްވައިފިއެވެ. ފާރިސްގެ ސަރުކާރެއްގައި އެކުލަވާލައްވާނެ ސިޔާސަތުތައް ހިމެނޭ މެނިފެސްޓޯ ރޭ ވަނީ އިފްތިތާޙްކޮށްފައެވެ.

ފާރިސްގެ މެނިފެސްޓޯ އިފްތިތާޙްކޮށްފައިވަނީ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއެއްގައެވެ. މެނިފެސްޓޯ އިފްތިތާޙްކޮށްދެއްވީ ރިޔާސީ ކެންޑިޑޭޓް ފާރިސް މައުމޫނެވެ.

އިޖުތިމާޢީ އިޤްތިޞާދީ އަދި ދީނީގޮތުން ފާހަގަކުރެވޭ މުހިއްމުކަންކަމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފާރިސް މައުމޫންވަނީ އެކި ދާއިރާތަކުން ގެނެސްދެއްވާނެ ބޮޑެތި ބަދަލުތައް ހާމަކުރައްވާފައެވެ. ފާރިސް ވިދާޅުވީ ރާއްޖެ ރަނގަޅު މަގަކަށް އަނބުރާލުމަށްޓަކާ ކުރަންޖެހޭ ބައެއް ކަންތައްތައް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާނެކަމަށެވެ.

ފާރިސް މައުމޫން ވިދާޅުވީ، ރާއްޖޭގެ ކުރު ޑިމޮކްރަސީގެ ހަޔާތުގައި ޕާޓީތައް އަމަލުކޮށްފައި ހުރިގޮތުން ރައްޔިތުންތިބީ ޕާޓީތަކާމެދު ވަރަށް ބޮޑަށް މާޔޫސްވެފައިކަމަށެއެވެ. ފާރިސްގެ މެނިފެސްޓޯގައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޚިދުމަތް ރައްޔިތުން އެދޭ ފެންވަރެއްގައި ނުކުރެވޭނަމަ، އެ މެންބަރެއްގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގަން ޕެޓިޝަނެއް ހުށަހަޅާ، އޭނާ މަގާމުން ދުރުކުރެވޭނެ އިންތިޒާމް ގާއިމް ކުރުމަށް ކަނޑައަޅާފައިވެއެވެ.

"އަޅުނގަޑައް މިހެން ބުނެވެނީ އަޅުގަނޑުގެ ޕާޓީއެއް އޮވެގެން ޕާޓީގެ މަޖިލިސް މެންބަރުންތަކެއް ނެތީމައި. މަޖިލިސް މެންބަރުން ހިމެނޭ ޕާޓީއެއްގެ ކެނޑިޑޭޓެއް ނިކުމެ އަޅުގަނޑު މި ދައްނަވާ އެއްޗެއް ވިދާޅެއް ނުވެވޭނެ. އެއީ އެބޭފުޅުއްނާ އެކީ އެތިއްބަވާ މަޖިލިސް މެންބަރުން އެކަން ހުއްދައެއް ނުކުރައްވާ. އެއީ އެބޭފުޅުން ބާރެއް ދޫކޮށްލަން ޖެހޭ ކަމެއްވީމަ." ފާރިސް މައުމޫން ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިސްލާހުކުރުމަށް ނިންމެވީ ގިނަ ރައްޔިތުންނާއި ވާހަކަދައްކައި އެރައްޔިތުން ބޭނުންވާ ބަދަލު ގެންނެވުމުގެ ނިޔަތުގައިކަމަށެވެ.

ފާރިސްގެ މެނިފެސްޓޯގައި ހިމެނޭ އެހެނިހެން މުހިންމު ކަންކަމުގެ ތެރޭގައި ޤައުމީއުފެއްދުންތެރިކަން އިތުރުކޮށް، ކުށްކުރާ މީހުން އިޞްލާހުކޮށް އަނބުރާ މުޖުތަމަޢުއަށް ނެރުމާއި، ޓެކްސްގެ ނިޒާމަށް ބަދަލުގެނެސް ލުއިފަސޭހަކުރުމާއި،ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުންފަދަ ކަންކަން ހިމަނާފައިވެއެވެ.