ޚަބަރު

ދިގު މުއްދަތަކަށް ރުފިޔާ ދައްކާގެން ޚަލާސް ކުރެވޭ ގޮތަށް ދޯނިފަހަރު ބަނދެދޭނަން: ނާޒިމް


  • ދިގު މުއްދަތަކަށް ރުފިޔާ ދައްކާގެން ޚަލާސް ކުރެވޭ ގޮތަށް ދޯނިފަހަރު ސަރުކާރުން ބަނދެދޭނެކަމަށް

  • ސަރުކާރުން ދޯނިފަހަރުގައި އާރު.އެސް.ޑަބްލިޔު ސިސްޓަމެއް ކުޑަ އަގެއްގައި ހަރުކޮށްދޭނެކަމަށް

  • ނާޒިމްގެ މި ދަތުރުގެ ތެރެއިން 5 އަތޮޅެއްގެ 21 ރަށަކަށް ދިއުމަށް ހަމަޖެހިފައިވޭ

ދިގު މުއްދަތަކަށް ރުފިޔާ ދައްކާ ޚާލާސްކުރެވޭ ގޮތަށް ސަރުކާރުން އޮޑި ދޯނިފަހަރު ބަނދެދެއްވާނެކަމަށް، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި ބޭއްވި އެމްއެންޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ދިވެހިންނަށް ޒަމާނީ އޮޑިދޯނިފަހަރު، ޒަމާނީ ވަޞީލަތްތަކާއިއެކު، ބޭނުންވާ ކަމަށެވެ. އެހެންކަމުން އެމްއެންޕީގެ ސަރުކާރެއްގައި ދިގު މުއްދަތަކަށް ލޯނު ދައްކާއިގެން މަސްވެރި އުޅަނދުތައް ނެރެވޭނެ ޚާއްޞަ ޕްރޮގްރާމްތައް ތަޢާރަފްކުރައްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ޒަމާނީ ފެންވަރުގެ ދޯނިފަހަރު އަޅުގަނޑުމެން ބަނދެދޭނަން. ދިގު މުއްދަތަކުން ފައިސާ ދައްކާގެން އެ ދޯނިފަހަރު ޚަލާސްކުރެވޭ ގޮތް ހަދާދޭނެ ވާހަކަ ތި ޒުވާން އެންމެހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުން." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރަށް، އޮޑިދޯނިފަހަރުގައި މަސް ފިނިކުރާއި ނިޒާމް ނުވަތަ ރެފްރިޖެރޭޓެޑް ސީވޯޓަރ ސިސްޓަމް (އާރު.އެސް.ޑަބްލިޔު) ސިސްޓަމެއް، ސަރުކާރުން ލުއި އަގެއްގައި ޤާއިމްކޮށްދޭނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ހަމައެއާއެކު، ލ އަތޮޅުގައި އެޑްވެންޗަރ ޓޫރިޒަމް ޤާއިމްކުރުމުގެ އިތުރުން، އެ އަތޮޅުގައި އޮތް ކައްދޫ އެއަރޕޯޓު، އިންޓަނޭޝަނަލް ކޮށްދެއްވާނެކަމަށްވެސް ނާޒިމް ވަޢުދުވެވަޑައިގެންނެވިއެވެ.

ނާޒިމްގެ މި ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ވަނީ، ލ އަތޮޅުގެ 5 ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. ދެން، ނާޒިމްގެ ކެމްޕެއިން ދަތުރުތައް ކުރުމށް ހަމަޖެހިފައިވަނީ ތ އަތޮޅަށެވެ. މި ދަތުރުގައި ރާއްޖޭގެ ދެކުނުން 5 އަތޮޅެއްގެ 21 ރަށަކަށް ނާޒިމް ޒިޔާރަތްކުރައްވާނެއެވެ.