ޚަބަރު

ދެވަނަ ދައުރެއްގައި ޒުވާނުންނާއި ކުޅިވަރަށް ވަކި ދެ މިނިސްޓްރީ އުފައްދާނަން: ރައީސް


ދެވަނަ ދައުރެއްގައި ޒުވާނުންނާބެހޭ ސިޔާސަތުތައް ހިންގެވުމަށްޓަކައި ޒުވާނުންގެ ދާއިރާއާއި ކުޅިވަރުގެ ދާއިރާއަށް ވަކި ދެ ވުޒާރާއެއް އުފައްދަވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅު ލަންދުއަށް މިއަދު ވަޑައިގެން އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "އާ ޒުވާނުންގެ ޖީލު"ގެ ސިޔާސަތުގައި ހުރި ބައެއް ކަންކަމާއި ރިޔާސީ ދެވަނަ ދައުރުގައި ޒުވާނުންނަށް ކޮށްދެއްވުމަށް ނިންމާފައިވާ ކަންކަމުގެ ތަފްސީލް ހާމަކޮށްްދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސާލިހު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް މީގެކުރިން ކަނޑައަޅާއިރު ޒުވާނުންނަށާއި ކުޅިވަރަށް ދީފައިވާ ސަމާލުކަން އެހާ ހަރުދަނާ ނޫންކަމަށެވެ. އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ދަށުން މުހިއްމު ދެ މަސައްކަތެއް ހިންގަމުންދާތީ ކުޅިވަރު ކުޅޭ މީހުންނާއި ޒުވާނުންގެވެސް ކަންބޮޑުވުންތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރެއްގައި 2 ވުޒާރާއެއްގެ ދަށުން ސިޔާސަތުތައް ތަންފީޒްކޮށް، ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދީ ޔޫތު ކޯއެއް ޤާއިމްކޮށް، ޒުވާން ލީޑަރުން އުފެއްދުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

"މަދަނީ ޖަމިއްޔާތަކަކީ ސަރުކާރު ހިންގުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއް. މިހާރަށްވުރެ ބޮޑަށް މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވާ ވަޞީލަތްތައް ހޯދައިދީ މާލީ އެހީތެރިކަން ފޯރުކޮށްދޭނަން."އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.

ލަންދޫ ރައްޔިތުނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން. ރައީސް ސާލިހު ވަނީ ބޯހިޔާވަހިކަމުގެ ދަތި ކުރިމަތިވެފައިވާ ރައްޔިތުންނަށް ހާއްސަކޮށް އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް "ކައުންސިލް ހައުސިން" އަންނަ ދައުރުގައި ތަޢާރަފްކުރައްވާނެކަމަށް ވިދާޅުވެފައެވެ..

ކައުންސިލް ހައުސިންގެ އިތުރުން، ޒުވާނުންނަށް ހާއްސަކޮށް އެފޯޑަބަލް ކޯ ލިވިން ސްޕޭސް އާއި ސްޓޫޑިއޯ ސްޕޭސް ހައުސިން މަޝްރޫއުތައްވެސް ހިންގުމަށް ނިންމާފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދެވަނަ ދައުރެއްގައި ލަންދޫގައި ކުރިއަށްގެންދަވާނެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ލަންދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއުއާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ދިނުމާއި ފުޓްސަލް ދަނޑެއް ތަރައްޤީކުރައްވާނެކަމަށެވެ. އަދި ކުނި މެނޭޖްކުރާނެ ޒަމާނީ ނިޒާމަކާއި ކުޑަކުދިންގެ ޕާކެއްގެ އިތުރުން މަސް މާރުކޭޓަކާއި ސިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.