ކުޅިވަރު

އެންމެ ބޮޑު އަމާޒަކީ ލިބުނު މެޑަލްތައް ދިފާއުކުރުން: ޝިއުރީ


މަޑަގަސްކަރައިގައި މި މަހު ފެށުމަށް ހަމަޖެހިފަވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ ޓޭބަލް ޓެނިސް ޓީމުގެ އާމަޒަކީ އެންމެ ފަހުން ވާދަކުރި ގޭމްސްގައި ހޯދި މެޑަލްތައް ދިފާއުކުރުން ކަމަށް ޓީޓީ އެސޯސިއޭޝަނުގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ.

ޓީވީއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވުމުން ޝިއުރީ ވިދާޅުވީ އެންމެ ފަހުން ގޭމްސްގައި ރާއްޖެއިން ހޯދި މެޑަލްތަކާއެކު ވާދަވެރި އެހެން ޤައުމުތައް މި ފަހަރު ވަރުގަދަކޮށްފަވާ ކަމަށެވެ. އެގޮތުން ގޭމްސް ބާއްވާ މަޑަގަސްކަރައިން ފްރާންސްގެ އެއްވަނަ ޑިވިޝަންގެ ކުޅުންތެރިއަކު ހިމަނާފައިވުމުން, މި ފަހަރުގެ މުބާރާތުގައި ފޯރިގަދަ މެޗުތަކެއް ފެނިގެންދާނެ ކަމަށާއި, ވާދަވެރި ޤައުމުތަކުގެ ފެންވަރު މަތިވުމުން, ކުޅުމުގެ ފެންވަރުވެސް ރަނގަޅުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ފަހަރަުގެ އައިއޯއައިޖީއާ ކުރިމަތިލާއިރު ރާއްޖޭގެ ޓީޓީ ޓީމު ވަނީ ކްރޮއޭޝިއާގައިވެސް ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. އެ ތަމްރީނުތަކާ ގުޅޭގޮތުން ވާހަދައްކަވަމުން ޝިއުރީ ވިދާޅުވީ ޔޫރަޕުގައި ހެދި ތަމްރީނުތަކަށްފަހު ކުޅުންތެރިންގެ ތަފާތު ފެންނަ ކަމަށެވެ. އަދި މި ތަމްރީންތަކާއެކު ފިރެހެން ޓީމުންވެސް ކުރިއެރުން ފެންނަ ކަމަށާއި, އެހެންކަމުން ފިރިހެން ޓީމުން މެޑަލް ހޯދުމަކީ މި ފަހަރު އުއްމީދުކުރާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ކޯޗުގެ އިރުޝާދާއެކު ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ތަމްރީނުތަކުގައި ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން ޝިއުރީ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކާމިޔާބީ ތަކުރާރުކުރަން ނުކުންނައިރު އެއީ ނުވާވަރުގެ ކަމެއް ކަމަށް ނުދެކޭ ކަމަށާއި، ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ތިބީ ރަނގަޅު ވިސްނުމުގައި، ކާމިޔާބު ހޯދުމުގެ އަޒުމުގައި ކަމަށްވެސް ކުރީ އެއް ނަންބަރު ޓީޓީ ކުޅުންތެރިޔާ ޝިއުރީ ވިދާޅުވިއެވެ.

"
މިހާރު ދެން ފައިނަލް ޕްރިޕަރޭޝަން މިހާރު ކުރިއަށް މިދަނީ. މިހާރު ޓީމުގެ ހުރިހާ ކުޅުންތެރިން, އެކި ދިމަދިމާލުގައި ތަމްރީނު ހަދަމުން ދިޔަ ކުޅުންތެރިން މާލޭގެ އެއްވެ އެންމެ ފަހުގެ ތަމްރީނު ކުރިއަށްގެންދަނީ.
އިބްރާހީމް ޝިއުރީ - ޓީޓީ އެސޯސިއޭޝަނުގެ ނައިބު ރައީސް

އެންމެ ފަހުން މޮރިޝަސްގައި 2019 ވަނަ އަހަރު އޮތް އައިއޯއައިޖީގައި ރާއްޖެއިން ވަނީ ތިން ރަން މެޑަލް އާއި އެއް ރިހި މެޑަލް ހޯދާފައެވެ.