ޚަބަރު

ނިޒާމުގައި ހުރި މައްސަލަތައް ޙައްލުކޮށް ބޮޑު ބަދަލެއް ދައްކާނަން: ރައީސް


  • ހުރިހާ ގޮތަކުން ވެސް މުޖުތަމައު އަމާންވުން ބޭނުންފުޅުވާކަމަށް ވިދާޅުވި

  • މި ސަރުކާރުން ބޭނުންވަނީ އުފާވެރި އަމާން ރާއްޖެއެއް ހޯދައިދޭންކަމަށް ހާމަކުރެއްވި

  • އުކުޅަހުގެ ތަރައްޤީއަށްކޮށްދެއްވާނެ ކަންކަން އިޢުލާންކުރެއްވި

އަމާން މުޖުތަމައެއް ބިނާ ކުރެވޭނީ ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކޮށްގެން ކަމަށާއި ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އެ މައްސަލަތައް ހައްލު ކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެނިފެސްޓޯގެ 3 ވަނަ ބައި "އަމާން މުޖުތަމައު" އިފުތިތާހު ކުރުމަށް އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކާ އަޅާ ބަލާއިރު މި ސަރުކާރުން ރާއްޖެއަށް ހަމަޖެހުން ގެނެސް ހަމަހަމަކަން ޤާއިމްކޮށްފައިވާކަމަށެވެ. ނަމަވެސް އަދިވެސް މިނިޒާމުގައި މައްސަލަތަކެއް ހުރި ކަމަށް ގަބޫލުފުޅު ކުރައްވާކަމަށާއި އެ މަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވައި، އެ މައްސަލަތައް ޙައްލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކުށުން ދުރުކުރުމަށް ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަން ޖެހޭކަން ފާހަގަކުރައްވައި ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ އުފެއްދުންތެރި ފުދުންތެރި ޖީލެއް، އޯގާތެރި އާއިލާއެއް, އަދި އަމާން މުޖުތަމައެއް ބިނާ ކުރުން ކަމަށެވެ. މިކަމަށް ބާރުލިބޭ އިގްތިސާދީ ބޮޑު ބަދަލާ،އި ހެޔޮ ވެރިކަމުގެ ނިޒާމުވެސް ކުރިއަށް އޮތްތަނުގައި ތަންފީޒު ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަމާޒަކީ ދުޅަހެޔޮ ބަދަހި މުޖުތަމައެއްގައި، އުފެއްދުންތެރި ފުދުންތެރި ޖީލެއް ބިނާކުރުން. އާ ޒުވާނުންގެ ޖީލާއެކީ، ޝާމިލް އޯގާތެރި އާއިލާއެއް ވެސް ބިނާކުރުން. އަދި މި އަސާސްގެ މަތީގައި އަމާން މުޖުމަތައެއް ވެސް ގާއިމްކުރުން. މިކަމަށް ބާރުލިއްބައިދޭ އިގުތިޞާދީ ބޮޑު ބަދަލާ، ހެޔޮވެރިކަމުގެ ނިޒާމު ވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ތަންފީޒުކުރާނަން." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ އުކުޅަހުގެ ތަރައްޤީއަށް ކޯށްދެއްވާނެ ކަންކަންވެސް ހާމަކުރައްވާފައެވެ. އެގޮތުން އެރަށުގައި ފްލެޓުއަޅައި ދެއްވާނެކަމަށާއި، ރަށުގެ ބާކީ ހުރި މަގުތަކުގައި ތާރު އަޅުއްވައިދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ބޮޑު މިސްކިތެއް ބިނާ ކުރުމާއި ސީޕްލޭން ޕްލެޓްފޯމެއް އަޅުއްވައި ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގަލަށްގިލި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުައްވާނެކަމަށާއި، އެ ސަރަހައްދުގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކުރައްވާނެކަމަށްވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.