ކުޅިވަރު

ޓީޓީއަކީ ނަތީޖާ ނެރެވޭނެ ކުޅިވަރެއްކަން ބަލައިގެންފި، އެއީ ކުރިއެރުމެއް: ޝިއުރީ


ޓޭބަލް ޓެނިހަކީ މިހާރު ނަތީޖާ ނެރެވޭނެ ކުޅިވަރެއްކަން ސަރުކާރަށާއި އެހެނިހެން ފަރާތްތަކަށް ޤަބޫލުކުރެވިފައިވާ ކަމަށާއި، އެއީ އެ ކުޅިވަރަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް ޓީޓީ އެސޯސިއޭޝަނުގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ.

ޓީވީއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިއުރީ ވިދާޅުވީ އާންމުންގެ ތެރޭގައި ޓީޓީ މަޤުބޫލުވާން ފެށީ ހޯޕްސް މުބާރާތުން ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދި ހިސާބުން ކަމަށެވެ. އޭގެ ފަހުން ޓީޓީއަކީ ވާދަކުރެވޭނެ އަދި ނަތީޖާ ނެރެވޭނެ ކުޅިވަރެއްކަން އެންމެންނަށްވެސް ފެނިގެންދިޔަ ކަމަށް ވިދާޅުވިއެވެ.

އަދި އެ ކާމިޔާބަށްފަހު ޓީޓީއަށް ސަރުކާރުން އިތުރަށް ޚަރަދުކުރަން ފެށި ކަމަށާއި، އޭގެ ނަތީޖާއެއް ގޮތުން އެންމެ ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ކާމިޔާބު ލިބިގެންދިޔައީ ކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ.

ޝިއުރީ ވިދާޅުވީ އެ ކަމިޔާބީ އައިއޯއައިޖީގައި ލިބެންދިޔައީ ސަރުކާރުގެ އެއްބާރުލުމާއި، އެސޯސިއޭޝަނުން ކުރި މަސައްކަތާއެކު ވަރަށް ގިނަ ތަމްރީނުތަކާއި، ހަމަ އެހެންމެ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

"
ވަރަށް ގިނަ ބޭފުޅުން ހިތަށް އަރާފާނެ ހުރެ ބަހައްޓާފައި ލިބުނު ކާމިޔާބެކޭ ޓީޓީ ހޯދީ. އެހެންނެއް ނޫން، ވަރަށް ގިނަ ޓްރެއިނިންތަކާއި، ވަރަށް ގިނަ މުބާރާތްތަކުގައި ވާދަކުރުމަށްފަހު އައިއޯއައިޖީގައި ކާމިޔާބު ލިބިގެންދިޔައީ.
އިބްރާހީމް ޝިއުރީ - ޓީޓީ އެސޯސިއޭޝަނުގެ ނައިބު ރައީސް

މި ކާމިޔާބީތަކާއެކު ޓީޓީގެ މަޤުބޫލުކަން އިތުރުވިކަން ފާހަގަކުރައްވަމުން ޝިއުރީ ވިދާޅުވީ ނާތީޖާގެ ގޮތުން ބަލާއިރު ވޭތުވެދިޔަ ފަސް އަހަރު ހޯދުނު ގިނަ މެޑަލްތަކާއެކު ހޯދުނު ކުރިއެރުންތަކަކީ ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ޓީޓީ ހޯލެއް ގާއިމުވެގެންދިޔުމާއި، ފުރަތަމަ ފަހަރަށް އަތޮޅުގެ ތެރޭގައި، ފުވައްމުލަކުގައި ޓީޓީ ސެންޓަރެއް ހުޅުވިގެންދިޔުން ކަމަށެވެ. އަދި މިފަދަ ކަންކަން ކުރެވުނީ ލިބުނު ކާމިޔާބީތަކުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.

މަޑަގަސްކަރައިގައި މި މަހު ފެށުމަށް ހަމަޖެހިފަވާ އައިއޯއައިޖީގައި ރާއްޖޭގެ ޓޭބަލް ޓެނިސް ޓީމުގެ އާމަޒަކީ އެންމެ ފަހުން ވާދަކުރި ގޭމްސްގައި ހޯދި މެޑަލްތައް ދިފާއުކުރުން ކަމަށް ޝިއުރީ ވަނީ ވިދާޅުވެފައެވެ. އެންމެ ފަހުން މޮރިޝަސްގައި 2019 ވަނަ އަހަރު އޮތް އައިއޯއައިޖީގައި ރާއްޖެއިން ވަނީ ތިން ރަން މެޑެއްޔާއި އެއް ރިހި މެޑަލް ހޯދާފައެވެ.