ޚަބަރު

ކެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަނީ


  • މި މިސްކިތުގައި އަންހެނުންނަށްވެސް ނަމާދުކުރެވޭނެ ޖާގަ އޮންނާނެ

  • މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެއް

  • މި މަސްކަތް ނިންމަންޖެހެނީ 1 އަހަރުދުވަހުން

ބ.ކެންދޫގައި މިސްކިތެއް ބިނާ ކުރުމަށް ފާސްޓްލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރައްވައފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

މި އެއްބަސްވުމުގެ ދަށުން ކެންދޫގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. 15.4 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން ބިނާ ކުރާ މި މިސްކިތުގެ މަސައްކަތް 1 އަހަރުދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރެވޭ މިސްކިތެކެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްތަކުގައި މިސްކިތް ބިނާކުރުމުގެ މަޝްރޫޢުތައްވެސް ހިންގަމުންނެވެ. އަދި އަލަށް ބިނާ ކުރާ މިސްކިތްތަކުގައި އަންހެނުންނަށް ފަސޭހައިން ވުޟޫކުރެވޭނެ އިންތިޒާމްތަކާއި ނަމާދުކުރެވޭނެ ގޮތްވެސް ހަމަޖައްސަވައެވެ.

މީގެ އިތުރަށް މިސްކިތްތަކުގައިވެސް ބޭނުންކުރާ ކަރަންޓަކީ އިޔާދަކުރަނިވި ހަކަތައިން ބޭނުންކުރާ ކަރަންޓަށް ހެދުމުގެ މަސައްކަތުގެ ދަށުން ސޯލަރ ހަރުކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. މިގޮތުން މިހާރުވެސް ވަނީ ރާއްޖޭގެ 155 ރަށެއްގައި ހުރި 155 މިސްކިތެއްގައި ހަރުކުރާ ސޯލާ ޕީވީ ސިސްޓަމްތައް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ.