ޚަބަރު

ޢުމަރުގެ ކެންޕެއިން ޓީމުން ހުޅުމާލޭގައި ރޯޑްރެލީއެއް ބާއްވައިފި


  • މި ހަރަކާތް އޮތީ ހުޅުމާލޭ ފޭސް 1ގައި

  • ޢުމަރަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެފައި

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް ޢުމަރު ނަސީރުގެ ކެންޕެއިން ޓީމުން ހުޅުމާލޭގައި ރޯޑްރެލީއެއް ބާއްވައިފިއެވެ. މިރެލީ ބާއްވާފައިވަނީ ހުޅުމާލެ ފޭސް 1ގައެވެ.

މިރޯޑް ރެލީގައި ޢުމަރު ނަސީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އުމަރު ނަސީރަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ މީހުންވެސް މިރެލީގައި ބައިވެރިވިއެވެ.

މިރެލީގައި ބައިވެރިން ތިބީ ދިވެހި ޤައުމީ ދިދަ ހިފައިގެން ރިޔާސީ އިންތިޚާބުގައި ޢުމަރު ނަސީރު ބޭނުންކުރައްވާ ސްލޯގަން "ހައްލަކީ ޢުމަރު" ޖަހާފައިވާ ބެނާތަކާއި ޓީޝާޓްތައް ލައިގެންނެވެ.

މީގެކުރިން މާލޭގައިވެސް ޢުމަރު ނަސީރު ވަނީ ކެންޕެއިން ރެލީއެއް ބާއްވަވާފައެވެ. ޢުމަރު ނަސީރު ވިދާޅުވެފައިވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ އިސްކަމެއް ދެއްވާނީ ރާއްޖެއިން ޑްރަގްގެ ވަބާ ނައްތާލުމަށްކަމަށެވެ. އަދި ރިހެބިލިޓޭޝަން ނިޒާމް ވަރުގަދަކުރައްވައި މިކަމަށް ވަކި ރަށެއް ކަނޑައަޅުއްވާނެކަމަށްވެސް އުމަރު ނަސީރުވަނީ ވިދާޅުވެފައެވެ.

މީގެއިތުރުންވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމާއި އަދި އަމިއްލަ މީހުން ކުރާ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށާއި، އަދި ބިދޭސީންގެ މައްސަލަވެސް ހައްލު ކޮށްދެއްވާނެކަމަށް ޢުމަރު ވަނީ ވައުދުވެވަޑައިގެންފައެވެ.